ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށް ވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ހައްގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކޮޕް 26ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދިވެހިން "ކްލައިމެޓް ރެފިއުޖީން"ނަށްވުމުގެ ބިރު އެބައޮތްކަމުގައި ވިދާޅުވެފަ އެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހު ވަނީ ރާއްޖެއަކީ ކުޑަ ގައުމެއްކަމުގައި ވީ ނަމަވެސް، އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާއި ނުލައި ދިވެހިންނަކީ ވެސް ދިރިއުޅެން ހައްގުވާ ބައެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހައްމަލުކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރައްވައި މި ވަގުތު އެންމެން އެކަތިގަނޑަކަށްވެގެން އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށާއި ފާގަތިކަމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފަ އެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ ނިސްބަތުން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކަމަށް ނަމަވެސް ރާއްޖެއިން ދަނީ މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތްކޮށް އެކަމަށް މީހުން އަހުލުވެރިކުރުމުގައި އިސްނަގައި އެހެން ގައުމުތަކަށް ނަމޫނާ ދައްކަމުން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖެއިން 2030 ވަނަ އަހަރަށް ނެޓް-ޒީރޯ ގައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަޒުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެހެން ގައުމުތަކުން އެކަހަލަ އަޒުމެއް ކަނޑަނާޅަކީ ކީއްވެގެންކަމާމެދު ސުވާލު އުފައްދަވާފަ އެވެ.

ކޮމަންވެލްތު ބައްދަލުވުމުގައި ރާއްޖެ ފަދަ ކުދި ގައުމުތަކުން މޫސުމާބެހޭ ނުރައްކާތަކުން ސަލާމަތްވުމަށް ކުރަން ކަނަޑައަޅައިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވަނީ "ކްލައިމެޓް ފައިނޭންސް" ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި މިހާރު އޮތް "ކްލައިމެޓް ފައިނޭންސް" ހޯދުމަށް ކުރަންޖެހޭ ބުރަ މަސައްކަތް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ހަމައެއާއެކު އެމަނިކުފާނު ވަނީ ކޮމަންވެލްތުން މިފަދަ ކަންކަމުގައި އިސްނަގައި "ކްލައިމެޓް ފައިނޭންސް" ފަސޭހަކަމާއެކު އެއަށް ބޭނުންޖެހިފައިވާ ގައުމުތަކަށް ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ "ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް"ގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ކޮޕް 26ގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަރޯސާވާ މިންވަރު އަންގައިދެއްވައި، ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ކޮޕް 26ގެ ބައްދަލުވުމުގައި ރަނގަޅަށް ގޮތް ނިންމެވުމަށް ބާރުއަޅުއްވާފަ އެވެ.

އެގޮތުން އެމަނިކުފާނު ވަނީ ކޮޕް 26ގެ ބައްދަލުވުމުގައި ރަނގަޅު ނިންމުންތައް ނުނިންމިއްޖެ ނަމަ، އިތުރު އެތައް ބިލިއަން މީހުނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށާއި، އޭގެ ތެރޭގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ބައްދަލުވުމުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ރަގަޅު ނިންމުން ނިންމެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.