ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް މަރުވެފައި ވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާކުރަމުން ގެންދަނިކޮށް މިއަދު ހެނދުނު 7:19 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިބަލީގައި އެންމެ ފަހުން ރާއްޖެއިން މަރުވެފައިވަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. އެއާއެކު ރާއްޖޭގައި މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 244 އަށް އަރައިފަ އެވެ.

ރާއްޖެއިން މިހާތަނަށް 88،277 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 86،040 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.