މިދިޔަ އޯގަސްޓް މަހު ޕެނަމާގެ "އެމްވީ ނެވިއޯސް އެމެރައިލިސް" ނަމަކަށް ކިޔާ ބޮޑު ކާގޯ ބޯޓެއް ކ. ރަސްފަރި ފަރަށް އެރި މައްސަލާގައި ދައްކަން ޖެހޭ 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ބޮޑުވުމުން، އެ ބޯޓުގެ ވެރިފަރާތުން މައްސަލަ އެންވަޔަރުމަންޓް މިނިސްޓްރީއަށް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނިގޮތުގައި މި ބޯޓު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އާއި އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުގައި ގުޅިގެން ސާވޭކޮށްފަ އެވެ. އަދި ލިބުނު ގެއްލުންތައް ހޯދައި ބެލިއިރު އެ ފަރުގެ 8،867 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދު 100 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އީޕީއޭ އިން ބޯޓުގެ ވެރިފަރާތަށް މީގެ ކުރިން އަންގާފައިވެ އެވެ.
ނަމަވެސް ބޯޓުގެ ސަބަބުން ލިބުނު ގެއްލުން ބަލައި ވަޒަންކޮށް، ކަނޑައެޅި ޖުމްލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 893 މިލިއަން ރުފިޔާ ކަމަށާއި، އެ އަދަދު 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށް އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފަ އެވެ.
އީޕީއޭއިން ބުނީ އެ އަދަދު ދެއްކުމަށް އެ ބޯޓުގެ ވެރިފަރާތަށް އެންގީ ބޯޓު ރަސްފަރީ ފަރަށް އެރުމާ ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
ނަމަވެސް ޖޫރިމަނާއަށް ދައްކަން ޖެހޭ އަދަދާ މެދު ހިތްހަމަނުޖެހި, ބޯޓުގެ ވެރިފަރާތުން ވަނީ އެ މައްސަލަ އެންވަޔަރުމަންޓް މިނިސްޓްރީއަށް އިސްތިއުނާފަށް ހުށަހަޅާފައި ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
އެ ބޯޓު ފަރަށް އުރުނީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު ޑްރިފްޓްވެގެން ގޮސް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާއިރު، ބޯޓު އުރުނު ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ތަނެކެވެ. އަދި ބޯޓު އުރުނު މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް މީގެ ކުރިން ހުށަހަޅާފަ އެވެ.