ޔޫރަޕިއަން ސްޕޭސް އޭޖެންސީން ބުނަނީ މާސްގެ އޯބިޓުގައި ދައުރުކުރާ އެ އެޖެންސީގެ އުޅަނދު މާސް އެކްޕްރެސް، މާސްގައި ތަހުލީލުތަކެއް ކުރަމުން އަންނަ ޗައިނާގެ ރޯވަރާ ދެމެދު ފަސް ފަހަރެއްގެ މަތިން މުއާސަލާތުކުރާ ގޮތަށް ހަމަ ޖެހިއްޖެ އެވެ. އެ މުއާސަލާތުތައް ކުރިޔަށް ދާނީ މި ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ޗައިނާގެ ޒޫ ރޮން ރޯވާ އިން ޔޫރަޕިއަން ސްޕޭސް އެޖެންސީގެ މާސް އެކްސްޕްރެސްއަށް ޓެސްޓް ސިގްނަލްތަކެއް ފޮނުވާނެ އެވެ. މި ސިގްނަލްތަށް ޔޫރަޕިއަން ސްޕޭސް ކްރާފްޓް މެދުވެރިކޮށް ދެން ފޮނުވާނީ ޗައިނާގެ ނޭޝަނަލް ސްޕޭސް އެކަޑަމީ އަށެވެ. ސިގްނަލްތައް ތަހުލީލު ކުރާނީ ޗައިނާގަ އެވެ. ޗައިނާގެ ރޯވާއިން ފޮނުވާނީ ބްލައިންޑް ސިގްނަލްތަކެކެވެ. ދެ އުޅަނދުގެ ފްރެކުއެންސީ ތަފާތުވުމުގެ ސަބަބުން، 2003 އިން ފެށިގެން މާސްގެ އޯބިޓުގައި ދަތުރު ކުރަމުން އަންނަ މާސް އެކްސްޕްރެސް، ޒޫ ރޮންގްއަށް ދަނެ ނުގަނެވޭނެތީ އެވެ.

ޔޫރަޕިއަން ސްޕޭސް އޭޖެންސީން ބުނި ގޮތުގައި މިއީ ސްޕޭސް އެކްސްޕްރެސްގެ ޓީމުން މީގެ 10 ވަރަކަށް އަހަރު ކުރިން އުފައްދާފައިވާ މާސްއަށް ޖައްސާ އުޅަނދު ފަހަރާ މުއާސަލާތުކުރުމުގެ ބެކަޕް ސިސްޓަމް ޓެސްޓްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ހަމަޖެހިފައިވާ ގޮތަށް ދާނަމަ މި ދެ އުޅަނދުގެ ދެމެދުގައި މުވާސަލާތުކުރުމުގެ ފަސް ސެޝަނެއް ވަނީ ޝެޑިއުލް ކުރެވިފަ އެވެ. އެއީ ނޮވެމްބަރު 7 އާއި 16، 18، 20، 22 ގަ އެވެ. މި ދުވަސްތަކުގައި މާސް އެކްސްޕްރެސް މާސްގެ ޔޫތޯޕިއާ ޕްލަނީޝިއާ މަތިން އުދުހޭނެ އެވެ. އެއީ މިވަގުތު ޒޫ ރޮންގް މާސްގައި ހަރަކާތްތެރިވަމުން އަންނަ ހިސާބެވެ. މިއިން ކޮންމެ ސެޝަނެއްގައި ވެސް މި ދެ އުޅަނދު ގާތްގަނޑަކަށް 10 މިނިޓު ވަންދެން މުއާސަލާތުކުރާނެ އެވެ.

މާސް އެކްޕްރެސް ޒޫ ރޮންގް އާ ދިމާވާ ވަގުތު މާސް އެކްސްޕްރެސްއިން މުވާސްލާތު ފެށުމުގެ ގޮތުން "ހަލޯ" ސިގންލް ފޮނުވާނެ އެވެ. ނަމަވެސްދެ އުޅަނދުގެ ފްރެކްއެންސީ ތަފާތުވުމުގެ ސަބަބުން ޒޫ ރަންގްއަށް އެ އަޑެއް ނުއިވޭނެ އެވެ.

މާސް އެކްސްޕްރެސްގެ ސިގްނަލް ޒޫރަންގްއަށް ނުލިބުނު ކަމަށް ވިޔަސް ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި މާސް އެކްސްޕްރެސްގެ ރޭޑިއޯ ސިސްޓަމަށް ނަގައިގަނެވޭ ގޮތަށް ސިގްނަލް ފޮނުވުމުގެ ކުޅަދާނަކަން ޒޫރޮންގްއަށް ލިބިގެންވެ އެވެ. އެހެންކަމުން ޒޫރޮންގް އިން ފޮނުވާ ސިގުނަލްތައް ފޮނުވާނީ މާސް އެކްސްޕްރެސްއަށް ނަގައިގަނެވޭ ފަދަ ދަށް ފްރެކްއެންސީއަކުންނެވެ.

މިގޮތަށް ފޮނުވާ ސިގްނަލްތައް ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ބޮޑެތި އެންޓަނާތައް މެދުވެރިކޮށް ޖަރުމަނުގައި ހުންނަ އެ އެޖެންސީގެ އޮޕަރޭޝަން ސެންޓަރަށް ދޮނުވޭނެ އެވެ. އެއަށްފަހު ސިގްނަލްތައް ދިރާސާ ކުރުމަށްޓަކައި ޖަރުމަނުން ޗައިނާގެ ޒޫރޮންގް ޓިމަށް ފޮނުވާނެ އެވެ.

ޗައިނާގެ މި އަމަލަކީ އެ ގައުމުގެ ސްޕޭސް އޭޖެންސީގެ ޕްރޮގްރާމްތަކުގައި ބައިނަލް އަގުވާމީ ގުޅުން އިތުރުކުރުމުގެ ނިޔަތުގައި ކުރާ އަމަލެކެވެ. އެ އެޖެންސީން ބުނާ ގޮތުގައި އެތަނުން ކުރިޔަށް ރާވާފައިވާ ސްޕޭސް ޕްރޮގްރާމްތަކުގައި މިއަށްވުރެ ފުޅާ ދާއިރާއެއްގައި ބައިނަލް އަގުވާމީ ސްޕޭސް އެޖެންސީތަކުގެ ބައިވެރިވުން އިތުރުކުރާނެ އެވެ.