ވިލިމާލޭގައި ދުއްވާ ބެޓެރީ އުޅަނދުތައް ރަޖިސްޓްރީީ ކުރުމަށް އަންގައިފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން އެ ވެހިކަލްތައް މާލޭ ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް އިއްޔެއިން ފެށިގެން 15 ދުވަހުގެ މުހުލަތުގެ ތެރޭގައި ސިޓީ ކައުންސިލްގައި ރަޖިސްޓްރީކުރެވެން ޖެހޭނެ ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލުން ވަނީ އެކައުންސިލުން ކަނޑައަޅާފައިވާ މުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައް ވެސް ކައުންސިލްގައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އެ ކައުންސިލުގެ ވެބްސައިޓުން އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް އުޅަނދުތައް ރަޖިސްޓްރީ ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު، ވިލިމާލެއަކީ ބެޓެރީ އުޅަނދުތައް ނޫން އެހެން އުޅަނދުތައް ދުއްވުން މަނާކޮށްފައި އޮންނަ ރަށެކެވެ.

ނަމަވެސް ބެޓެރި އުޅަނދުތައް ވެސް ވިލިމާލޭގައި މިހާރު ގިނަ ކަން ފާހަގަކޮށް އާންމުންގެ ގިނަ މީހުން ދަނީ އެކަމާ ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.