ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު އައްޑޫގައި މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް މަރުވެފައި ވަނީ އުމުރުން 87 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ މަރުވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާކުރަމުން ގެންދަނިކޮށް މިއަދު ހެނދުނު 11:46 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މި ބަލީގައި އެންމެ ފަހުން ރާއްޖެއިން މަރުވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއާއެކު ރާއްޖޭގައި މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 245 އަށް އަރައިފަ އެވެ.

ރާއްޖެއިން މިހާތަނަށް 88،386 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 86،168 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.