މިދިޔަ މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި އެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް ވަނީ އެތެރެކޮށްފަ އެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިން ރާއްޖެއަށް މަހެއްގެ މައްޗަށް އެވްރެޖުކޮށް އެތެރެކުރާ މިންވަރަށް ވުރެ އިތުރު އަދަދެކެވެ. އެގޮތުން 2019 ވަނަ އަހަރުގައި އެވްރެޖުކޮށް ރާއްޖެއަށް މަހެއްގެ މައްޗަށް މުދާ އެތެރެކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެ ކުރި މަސް ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި ކޮވިޑް ބަލިމަޑުކަން އައުމުގެ ކުރިން ރާއްޖެއަށް މުދާ އެތެރެ ކުރާ ނިސްބަތާ މިހާރު ވަނީ އަރާ ހަމަކޮށްފަ އެވެ.
މިދިޔަ މަހަށް ފަހު މި އަހަރުގެ ތެރޭގައި ދެން އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވަނީ ފެބްރުއަރީ އަދި ސެޕްޓެމްބަރު މަހު އެވެ. އެ ދެ މަހު 3.5 ބިލިއަން ރުފިޔާގެ މުދާ ގެނެސްފައިވެ އެވެ.
މިދިޔަ އަހަރު އަހަރު އެވްރެޖުކޮށް މަހެއްގެ މައްޗަށް ރާއްޖެ ގެނެސްފައިވަނީ 2 ބިލިއަން ރުފިޔާގެ މުދަލެވެ.
ކޮވިޑުގެ ކުރިން، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެވްރެޖުކޮށް މަހެއްގެ މައްޗަށް 3.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.