ފުވައްމުލަކު މަގުތަކުގައި ތާރު އަޅަން އަންނަ ޖެނުއަރީ މަހު ފެށޭވަރުވާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން މި ރަށުގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. މަސައްކަތުގައި ހިމެނެނީ 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 އަކަމީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުން ކަމަށް އެމްޓީސީސީން ބުންޏެވެ.

730 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ 2019 ޖުލައި މަހު ހަވާލުކުރި 279.4 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ އިތުރުން މަގުތަކުގައި ބައްތި ހަރުކުރުމާއި ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ވެސް ގާއިމުކުރަން ހަމަޖެހިފައިވެ އެވެ.

އާބާދީގައި 13،000 އެއްހާ މީހުން ހިމެނޭ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. އަދި ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިދިޔަ މަހު ފަހުކޮޅު މިރަށަށް ކުރެއްވި ދަތުރުފުޅެއްގައި މަގުހެދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބެއްލެވި އެވެ. އެ ދަތުރުފުޅުގައި އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް މިދިޔަ މަހު ފަހުކޮޅު ވަޑައިގެން މަގުހެދުމުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވަނީ. މަގުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުން. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

"ހުރިހާ"އާ ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ މިރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިމަހު ފަށަން ނިންމާ އޮތް ނަމަވެސް އެކަން ލަސްވީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމް ގާއިމުކުރަން ބޭނުންވާ ހޮޅި ރާއްޖެ ގެނައުން ލަސްވެގެން ކަމަށެވެ.

"އެ ހޮޅިތައް ގެނައުން ލަސްވެގެން އެ ސިސްޓަމް ގާއިމުނުކުރެވިގެން މިއުޅެނީ. އޭގެ ފުރަތަމަ ޝިޕްމަންޓް މިހާރު ލަންކާއިން މާލެ އައުމުގެ މަގުމަތީގައި އުޅޭނީ،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރަށުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅާއިރު ކުރިމަގުގައި ރަށުގައި ފެންބޮޑު ނުވާނެ ގޮތަށް މަގުތައް ހަދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތާރު އަޅައިގެން ހަދާ ހުރިހާ މަގެއްގެ މެދުން ކޮނެގެން ފެން ހިންދާ ހޮޅި ވަޅުލަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު އެމްޓީސީސީން ކުރަނީ. ފޮޓޯ: އެމްޓީސީސީ

"ގިނަ މަގުތަކުގެ ޕޭމަންޓް މަސައްކަތް ވެސް ވަނީ ނިމިފައި. މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް އެބަހުރި ގެނެވިފައި،" އާޒިމް ވިދާޅުވި އެވެ. "ހަމައެކަނި މި ހޮޅިތައް ނުގެނެވިގެން މަސައްކަތް ކުރިޔަށް ގެންދަން ބޭނުންވި ސްޕީޑްގައި ނުގެންދެވިގެން މިއުޅެނީ."

އޭނާ ވިދާޅުވީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމްގެ ހޮޅި ވަޅުލުމުގެ އިތުރުން ހައި ވޮލްޓޭޖް ކޭބަލް އަޅާނެ ހޮޅިއެއް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި މަގުތަކުގައި ކުރިން ކަރަންޓު ކޭބަލާއި މުއާސަލާތީ ހިދުމަތްދޭ ކޭބަލް ވެސް އަޅާފައި ވަނީ އެއްވެސް ޑިޒައިނެއް އޮވެގެން ނޫން ކަމަށް ވާތީ ޑްރެއިނޭޖް ސިސްޓަމްގެ ހޮޅި ވަޅުލާއިރު ވަރަށް ބޮޑު އުނދަގޫތަކާ ދިމާވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ކޭބަލްތައް ވެސް އަޅާފައި އޮތީ މަކުނު ވާ ފުރާފައި އޮންނަ އުސޫލުން އެކި ތަންތަނުގައި އެކި ގޮތަށް. އެހެން އޮތްތަނެއްގައި މަގުގެ މެދުން ހޮޅިއެއް ވަޅުލަން ކޮންނަންވީމަ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ. އަޅުގަނޑުމެން މަގު ކޮނުމުގެ މަސައްކަތް ފަށާނީ ހޮޅި ގެނެސް އަޅަމުން. އެހެން ނޫނީ މަގުތައް ބަންދުވުމުން ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިހާރު މަސައްކަތް ކުރިޔަށްދާ ގޮތުން އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މޫސުމް ތަންދޭ ވަރަކުން ހޮޅިތައް އަޅަމުން ގެންދާނީ. އެއާއެކު މަގުތައް އެއްވަރުކޮށް ތާރު އެޅުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެ،" އޭނާ ވިދާޅުވި އެވެ.