ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަ މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ރާއްޖެއާ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭގޮތަށް ފަށާ މި މުބާރާތް ފެށުމުގެ ގޮތުން މާދަމާ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެއާ ސްރީލަންކާގެ ޓީމެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 09 ނޮވެންބަރު 2021 ގަ އެވެ.