ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ސްޕްރީމް ކޯޓުގައި ތާވަލްކުރި އަޑުއެހުމަށް ހާޒިރުނުވުމުން ޝަރީއަތް ކުރިއަށް ނުގެންދެވި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖިންސީ ގޯނާގެ ދައުވާތަކެއް ކޮށްފައިވާ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މައްސަލައާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުމެކެވެ. އަދި މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާން އަލީ ވަހީދަށް އެންގި ނަމަވެސް، އޭނާ އަޑުއެހުމަށް ހާޒިރުވެފައެއް ނުވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާ އުފުލާފައިވާއިރު، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށް ފަހު އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

މި ސަބަބާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނަވައި ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތުނާފްކުރުމަށް އެދުމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން އަމުރު ނެރެފަ އެވެ.

ކޯޓަށް ހާޒިރުނުވުމާއި ގުޅިގެން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ކޯޓުން މީގެ ކުރިން ނިންމި ނަމަވެސް އެ ހުކުންވެސް ތަންފީޒު ނުކުރެވިފައިވަނީ އޭނާ ރާއްޖޭގައި ނެތުމުގެ ސަބަބުންނެވެ. އަދި މިއަދުގެ އަޑުއެހުމަށް އަލީ ވަހީދު ހާޒިރު ނުވާއިރު، މި މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލް ކުރާނެ ދުވަހެއް ފަނޑިޔާރު އަދި ނިންމަވާފައެއް ނުވެ އެވެ.