ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައިފި އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރު ވެގެންދާއިރުވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިފައިނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް ކަނޑައަޅާފަ އެވެެ.

ނަމަވެސް ބޯޑުން ދިން ލަފަޔާއި ހިލާފަށް ޕްރައިވެޓް ސެކްޓަރުގެ ދެ ފަންތިއެއްގެ މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށެވެ.

މިގޮތުން މިއަދު މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ ގަވާއިދުގެ ގޮތުން ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް ދެވޭނެ އެންމެ ކުޑަ އަދަދަކީ މަހަކަށް 4،500 ރުފިޔާ އެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ މަހަކަށް 8،000 ރުފިޔާ އެވެ. ދައުލަތުގެ މުއައްޒަފެއްނަމަ މަހަކު 7،000 ރުފިޔާ އެވެ.

މިނިމަމް ވޭޖް ބޯޑު ކަނޑައެޅި މިންވަރުތަކަކީ މިނިސްޓަރު އެގޮތަށް ކަނޑައަޅަންޖެހޭ އަދަދުތަކެއް ކަމަށް ހީވެދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެއަދަދުތައް ދިރާސާކުރުމަށްފަހު ބަދަލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަދަދުތައް ކަނޑައެޅީ ރާއްޖޭގެ އިގްތިޞާދަށް ބަލާފައިކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވާއިރު، މިބަދަލުތައް ގެންނާނީ ކޮވިޑްގެ ހާލަތަށް ބަލާފައި ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ