ދެ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް ދުވަސްތަކުގައި ކަނޑު ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ(މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދެ ދުވަހު ވެސް މުޅި ރާއްޖެއަށް ވައި ގަދަވެފައި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.

ކޮޅިގަނޑުގެ ސަބަބުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓުން ވަނީ ކަނޑު ދަތުރުކުރާއިރު، ކަނޑު މައްޗަށް އެރުމުގެ ކުރިން ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކަށަވަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ ރާޅުގެ އުސްމިން 3-7 ފޫޓާ ދެމެދުގައި އުޅޭ ކަމަށެވެ. ރާއްޖޭގެ މެދު ތެރެއަށާއި، ދެކުނުގެ ކަނޑުތައް ގަދަވި ނަމަވެސް ރާއްޖޭގެ އުތުރުގެ ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.

މި ދެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކޮށްފާނެ ކަމަށް މީގެ ކުރިން ވެސް މެޓުން ބުނެފައިވާއިރު، އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި، ގަޑިއަކު 13 މޭލާއި 23 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އިން ބުނެފައިވެ އެވެ.