ގާނޫނު އަސާސީއަށް ގެނައި އިސްލާހާއި އެކު، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ އެކި ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ގާނޫނު ގެޒެޓުކޮށް ޝާއިއުކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އަލަށް ގެނައި އިސްލާހު މިއަދު ތަސްދީގު ކުރުމާއިއެކުގަ އެވެ.

އެގޮތުން ތިމާވެއްޓަށް ގެއްލުން ފޯރުވާ އެއްޗިހީގެ ތެރެއިން ސިންގަލް ޔޫސްގެ ބާވަތްތައް ރާއްޖެ އެތެރެ ކޮށް އުފެއްދުމަކީ މަނާކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާނެ އެވެ.

މި ލިސްޓު އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާއިރު، މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށްފަހު ރައީސް ކަނޑައަޅުއްވާ ފުރަތަމަ ލިސްޓު، އަންނަ އަހަރުގެ ކުރިން ކަނޑައަޅައި، ގެޒެޓުގައި ޝާއިއު ކުރެއްވޭނެކަމަށް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

އޭގެ އިތުރުން މި ލިސްޓު ގެޒެޓުގައި ޝާއިއުކުރާއިރު، ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާ ތާރީޚެއް ކަނޑައެޅޭނެ ދުވަހެއް ހިމަނާނެކަމަށްވެސް ބުނެފައިވެ އެވެ. އަދި ލިސްޓު ކަނޑައެޅުމުގައި ރިއާޔަތްކުރާ ކަންކަން ވެސް ހިމަނާނެކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.