މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުވުމަށާއި އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ދަ ގްލޯބަލް ސެންޓަ އޮން އެޑެޕްޓޭޝަން (ޖީ.ސީ.އޭ) އާ ރާއްޖެ އާ ގުޅިގެން މަޝްރޫއުއެއް 200 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އިނގިރޭސި ވިލާތުގެ ގްލާސްގޯގައި މިހާރު ހިނގަމުންދާ ކޮންފަރެންސް އޮފް ޕާޓީސް ގެ 26 ވަނަ ބައްދަލުވުން (ކޮޕް26) ޖަލްސާގައި މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށް ޖީސީއޭ އާއި ރާއްޖެއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އެވެ. އަދި ޖީސީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕެޓްރިކް ވާކޫއިޖެން އެވެ.

މިގޮތުން މި އެއްބަސްވުމުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެއް އެކުލަވާލުމަށް ޖީސީއޭ މެދުވެރިކޮށް ފައިސާ ހޯދައި ހިންގުމަށް ވަނީ ރާވާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓަށް ހުށަހެޅި ނެޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި ހިމެނޭ އެޑެޕްޓޭޝަން ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތު ކުރުމުގައި ރާއްޖެ އިސް ދައުރެއް އަދާކުރުމަށް ކްލައިމެޓް ވަލްނަރަބްލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް އެހީވުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ޖީސީއޭ އިން ރާއްޖެއަށް އެހީފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި، ފެނުގެ ވަސީލަތްތަކަށާއި، ރާއްޖޭގެ ރަށްރަށަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، އެ ކަންކަމަށް ބޭނުންވާ މާލީ އެހީ ހޯދުން ހިމެނެ އެވެ.

ދަ ގްލޯބަލް ސެންޓާ އޮން އެޑެޕްޓޭޝަންއަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ހޭނުވުމަށް 2018 ވަނަ އަހަރު ނެދަލޭންޑްސްގެ ރޮޓާޑޭމްގައި އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ.