އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ ހަށިގަނޑު ޕިލިޕީންސަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ފިލިޕީންސް މީޙާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ފިލިޕީންސަށް ފޮނުވާފައިވާ ކަމަށެވެ.

ގްރޭސްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑު އިންޑިޔާއަށް ފޮނުވުމަށްފަހު ގެނެސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށް މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ދައްކާފަ އެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ކަމަށް ބެލެވެނީ އޭނާގެ ފިރިމީހާއަށެވެ. އަދި އޭނާ މަރުވީ ދަން ޖެހިގެން ކަމަށް ފިރިމީހާ ބުނި ނަމަވެސް އެ ނަރުސްގެ ހަށިގަނޑުން ފެނިފައިވާ ކަންތައްތަކުގެ އިތުރުން، މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާގެ އަމަލުތަކަށް ޝައްކުތަކެއް އުފެދި އެ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފައިވާ ކަމަށެވެ.

ގްރޭސްއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު، އެ ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ. ނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއް ޖެހެމުންދިޔަ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެ އެވެ.

މިގޮތުން މި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ ގްރޭސްގެ ފިރިމީހާ، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި އަންހެނަކާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށްވެ އެވެ.

ނަރުހުގެ ފިރިމީހާ ލޯބީގެ ގޮތުން ގުޅިފައި ވަނީ ސަރުކާރުގައި ނުފޫޒު ހިނގާ އެކްޓިވިސްޓެއްގެ ދަރިއަކާ ކަމަށް ހަބަރު ލިބެ އެވެ. އަދި ނަރުސް މަރުވި އިރު، ދިވެހި އަންހެނާ ޑިއުޓީގައި ނެތް ކަމަށާއި، ނަރުހުގެ ދަރިފުޅު ގޮވައިގެން އޭނާ ބޭރަށް ދިޔަކަން ހާމަވާ ސީސީޓީވީ ފުޓޭޖްތައް ވެސް ފެނިފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ނަރުހުގެ ފޯނު ވަނީ ފުލުހުންގެ ތަހުގީގަށް ހިފަހައްޓާފަ އެވެ. ނަމަވެސް ދިވެހި ނަރުހުގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރެވޭ ކަމަކަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.