އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި ދާދި ދެންމެއަކު ރާއްޖެ ވަޑައިގެންފި އެވެ. މިއީ 28 އަހަރު ފަހުން އެމެރިކާގެ ޚާރިޖީ ވަޒީރަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަފުތާއަކަށް ވުރެ ކައިރިވެފައި ވަނިކޮށް ޕޮމްޕެއޯ ރާއްޖެ ވަޑައިގެންނެވީ އިންޑިއާ އަށާއި ސްރީލަންކާއަށް ވަޑައިގަތުމަށްފަހު އެވެ.

ޕޮމްޕެއޯ ރާއްޖެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ވެސް ރަސްމީ ބައްދަލުކުރެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

އެ ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދާއި ޕޮމްޕެއޯ ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. މަދު ބަޔަކަށް ދައުވަތު ދީގެން ބާއްވާ އެ ނޫސް ކޮންފަރެންސް އޮންނާނީ ހަވީރު 4:00 ގަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންނެވި މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި. ފޮޓޯ: ފޮރިން މިނިސްޓްރީ

އެ ނޫސް ކޮންފަރެންސަށް ފަހު ޕޮމްޕެއޯގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހަވީރު ފުރާވަޑައިގަންނަވާނެ އެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ އިސް ބޭފުޅަކު ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ. އެކަމަކު 2004 ވަނަ އަހަރު އޭރުގެ ފޮރިން ސެކްރެޓަރީ ކޮލިން ޕަވަލް އޮސްޓްރޭލިއާ ކުރެއްވި ދަތުރުފުޅެއްގައި ކުޑަ ވަގުތުކޮޅަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްލެއްވި އެވެ.

މުޅި އާޓިކަލް ލޯޑު ކޮއްލާ...