ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ކ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހު ފާސްނުވެ، ބޭރުކޮށްލައިފި އެވެ.

ޑީއާރުޕީގެ ލީޑަރު ޖާބިރު ހުށަހެޅުއްވި ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންވެ އެ ބިލް ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ހުށަހެޅި މި ބިލް ތަޅުމަށް ތައާރަފް ކުރެއްވުމުގެ މަރުހަލާއާއި އިބްތިދާއީ ބަހުސްގެ މަރުހަލާ ފަށައިގެން ކުރިއަށް ގެންދިޔައީ ވެސް މިއަދުގެ ޖަލްސާގަ އެވެ. އެ ބިލަށް ވާހަކަ ދެއްކެވީ ވެސް އެންމެ ތިން މެންބަރުންނެވެ. އެއީ ޖާބިރުގެ އިތުރުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފު އާއި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އެމްޑީޕީގެ އެހެން މެންބަރަކު މި ބިލަށް ބަހުސްގައި ބައިވެރިނުވިއިރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ވެރިކަމުގެ ނިޒާމުގެ ހިޔާލާ މެދު ހިޔާލު ދެކަފިވެފައިވެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ކުރައްވައި ވާހަކަ ދައްކަވާއިރު ރިޔާސީ ނިޒާމު ބާއްވަން ވަކާލާތު ކުރައްވައި ބައެއް މެންބަރުން ވާހަކަ ދައްކަވަ އެވެ.

މި ބިލުގެ ބަހުސްކުރިޔަށްދިޔައިރު ޖާބިރާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާ ދެމެދު ހޫނު ޒުވާބެއް ހިނގި އެވެ.

އެ ބިލް މަޖިލީހަށް ތައާރަފްކުރައްވަން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ފުރުސަތުގައި މުޅި ބިލު ވިދާޅުވާން ޖާބިރު ފެއްޓެވި އެވެ. ބިލްތައް ތައާރަފްކުރެއްވުމުގައި މީގެ ކުރިން މެމްބަރުން އާއްމުކޮށް އަމަލުކުރައްވާ ގޮތަކީ ބިލްގެ މަފްހޫމް ވިދާޅުވުމާއި އެކު ބިލް ހުށަހެޅުއްވި މަގުސަދު ބަޔާން ކުރެއްވުމެވެ. އޭގެ ބަދަލުގައި ޖާބިރު މުޅި ބިލް ވިދާޅުވާން ފެއްޓެވުވުމުން ޝަރީފް ނިޒާމާ ބެހޭ ނުކުތާއެއް ނެންގެވި އެވެ.

ޝަރީފް ވިދާޅުވީ ބިލެއް ހުށަހަޅަން ލިބޭނީ 15 މިނެޓް ކަމަށާއި އެ ވަގުތުގެ ތެރޭގައި ހުށަހެޅުއްވޭ އެއްޗެއް ހުށަހެޅުއްވުނީ ކަމަށެވެ. ޝަރީފުގެ ވާހަކައަށް ޖަވާބެއް ނުދެއްވައި ރިއާސަތުން ނަޝީދު އަނެއްކާވެސް ފުރުސަތު ދެއްވީ ޖާބިރަށެވެ. އެ ހިސާބުން ޖާބިރު ޝަރީފަށް ވަރަށް ހުތުރުކޮށް ބަހުގެ ހަމަލާއެއް ރައްދުކުރެއްވި އެވެ. އެ ވާހަކަ އަށް ރައްދު ދެއްވައި ޝަރީފް ވެސް އަޑުގަދަ ކުރެއްވި އެވެ.

ޝަރީފް ވާހަކަ ދައްކަވަނިކޮށްް ވަގުތު ހަމަވެގެން ރަނގަބީލު ޖެހުމުން އޭނާ އެކަމާ ވެސް ނުރުހުން ފާޅުކުރެއްވި އެވެ. ރިއާސަތުން ނަޝީދު ވިދާޅުވީ ވަގުތު ދެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު އެދިވަޑައިގެންނެވި ވަރަށް ކަމަށެވެ.

އެމްޑީޕީގައި މި ކަމުގައި ހިޔާލު ތަފާތުވުން އޮތްއިރު ބަރުލަމާނީ ނިޒާމަކީ ރައީސް ނަޝީދު އެންމެ ބޭނުންފުޅުވާ ނިޒާމެވެ. 2007 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ރައީސް ނަޝީދާއި އެމްޑީޕީ ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އެ ވޯޓުގައި 60 ޕަސެންޓް ރައްޔިތުންގެ ވޯޓުން ކުރި ހޯދީ ރިޔާސީ ނިޒާމެވެ.

ރައީސް ނަޝީދު ދާދި ފަހަކުން ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެންނަން ކިތަންމެ ތާއީދު ކުރެއްވި ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެ ކުރަން ޖެހިފައިވާ އެތައް ކަމެއް އޮތުމުން މިއީ ވެރިކަން ކުރުމުގެ ނިޒާމުގެ ބަހުސް ހިންގަންވީ ދަނޑިވަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.