ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް ކައިވެންޏަށް ތިން އަހަރު ފުރުމުގެ އުފަލުގައި އެކަން ފާހަގަކުރުމަށް ދިޔަ ތަން ނުބުނުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދައިފި އެވެ.

ބޮލީވުޑްގެ މަޝްހޫރު މި ދެ ފަންނާނުންނަކީ ވެސް، އެމީހުންގެ ފިލްމުތަކުންނާއި އެކްޓުކުރުމުގެ ހުނަރުން ގިނަ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ދެ ފަންނާނުންނެވެ. އަދި ކުރިއަށް ގިނަ ޕްރޮޖެކްޓުތަކެއް އޮތް ނަމަވެސް، އެދެމީހުން ވަނީ މި ދުވަހުގެ އުފާ ފާޅުކުރުމަށާއި، އެކަކު އަނެކަކާއި އެކުގައި ގިނަ ވަގުތު އެކީ ހޭދަކުރުމަށް ތަނަކަށް ގޮސްފަަ އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި ދެ ފަންނާނުން ދިޔައީ ކޮން ތަނަކަށްކަން ހޯދުމަށް ސަޕޯޓަރުން ސުވާލުކުރަމުން ގެންދާއިރު، މިކަމާ ގުޅިގެން މިހާތަނަށް އެ ދެމަފިރިން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ދީޕިކާ އާއި ރަންވީރް ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު އިޓަލީގަ އެވެ. އެދެމީހުންގެ ކައިވެންޏަށް ތިން އަހަރު ވެފައިވާއިރު، އެ ދެމަފިރިން މިހާރު އަލަތު ދަރިއެއް ހޯދުމަށް ވިސްނަމުން ގެންދާކަމަށް މީޑިޔާތަކަށް ހަބަރުދީފައިވެ އެވެ.

އޭގެ އިތުރުން އެ ދެމަފިރިން އަނެއްކާވެސް ސްކްރީނުން ކަބިރް ޙާން ޑައިރެކްޓް ކުރާ ފިލްމަކުން އެކީ ފެނިގެންދާނެކަމަށްވެސް ހަބަރު ލިބެ އެވެ.