ކޮވިޑް-19 ފެނިގެން އިތުރު ހަތް ރަށެއް މިއަދު މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އަރައި ފޭބުން މަނާކޮށްފައިވާ ރަށްތަކުގެ ގޮތުގައި މިއަދު ހިމެނި ރަށްތަކަކީ ގއ. މާމެންދޫ، ނ. ކުޑަފަރި، ދ. މާއެނބޫދޫ، ރ. އަލިފުށި، ގދ. ފަރެސްމާތޮޑާ، އަދި ނ. ވެލިދޫ އާއި ފ. ބިލަތްދޫ އެވެ. އެއާއެކު ޖުމްލަ 31 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ކޮވިޑް ފެތުރެމުން ދާތީ އަރައިފޭބުން މަނާކޮށްފައިވާ ރަށްތަކުގެ ތެރޭގައި އައްޑޫގެ ރަށްތައް ހިމެނޭއިރު، އޭގެ ތެރޭގައި އެންމެ ގިނަ މުއްދަތަކަށް މޮނިޓަރިންނަށް ލާފައިވަނީ ވެސް އައްޑޫގެ ރަށްތަކެވެ. އެގޮތުން އޮގަސްޓު މަހުގައި ބަންދުކުރި ގޮތަށް ސ. ހިތަދޫ އާއި މަރަދޫގެ އިތުރުން މަރަދޫ އަދި ފޭދޫ އަދިވެސް ވަނީ މޮނިޓަރިންގަ އެވެ.

ނަމަވެސް އައްޑޫގައި ކޮވިޑް އަދިވެސް ދަނީ ބާރު ދުވެއްޔެއްގައި ކޮންޓްރޯލެއް ނެތި ފެތުރެމުންނެވެ. މިގޮތުން އިއްޔެ ވެސް އައްޑޫ އިން 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތާ މިހާރު ދެ މަހެއްހާ ދުވަސް ވެއްޖެ އެވެ. ނޮވެމްބަރު މަހު މިހާތަނަށް ރާއްޖެ އިން 1929 މީހުން ކޮވިޑަށް ފައްސިވެފައި ވާއިރު އޭގެތެރެއިން 1،440 މީހުން ޕޮޒިޓިވްވީ އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ނޮވެމްބަރު މަހު ޕޮޒިޓިވްވެފައި ވަނީ 279 މީހުންނެވެ. ރިސޯޓްތަކުން ސަފާރީތަކުން ނޮވެމްބަރ މަހު 210 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 89713 އަށް އަރާފަ އެވެ. އޭގެ ތެރެއިން 87225 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ކޮވިޑް ޖެހިފައި ތިބީ 2228 މީހެކެވެ. މި ބަލީގައި މިހާތަނަށް 247 މީހަކު ރާއްޖެއިން ނިޔާވެފައިވެ އެވެ.