އާސަންދާގެ ބަޖެޓު ކުޑަކުރަން ނިންމާފައިވަނީ އިސްރާފު ކުޑަ ކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އާސަންދައަށް ކަނޑައެޅިފައިވާ ބަޖެޓް އަންނަ އަހަރު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މިއަދު މަޖިލީހުގައި ބަޖެޓު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވަނީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ، އާސަންދައަށް ސަރުކާރުން ހަމަޖައްސާފައިވާ ފައިސާ، އިސްރާފުވާގޮތަށް އެކަން ހިންގުމަކީ ކުރެވޭ ވަރަށް ނާއިންސާފު ކަމެއް ކަމަށެވެ. އަދި އެފަދައިން އެކަން ކުރުމަށް ދުލެއް ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިން އަދި އެގޮތަށް ކުރެވުނަސް، އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް އެއީ ރައްޔިތުންގެ އަތުން ލިބޭ ޓެކްސް އަދި ނޮން-ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ އާސަންދަ ކިޔާ މެކޭނިޒަމް އެއްގެ ތެރެއިން ލީކޭޖަށް، އިސްރާފަށް މަގުފަހިވެފައި އޮތުމަކީ ޒިންމާދާރުކަމާއެކު ކުރެވޭ ކަމެއް ނޫން،" އަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް މިނިސްޓަރު ވަނީ އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަކުރީ އެހިދުމަތް މަދުކުރުމަކަށް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އާސަންދައިގެ ހިދުމަތަކީ އެންމެ ކޮލިޓީކޮށް ދެވޭ ހިދުމަތެއްގެ ގޮތުގައި ހެދުމަށް ކަމަށް އަމީރު ވިދާޅުވި އެވެ.