މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. އަދި މި ސަރަހައްދުތަކަށް މިއަދު ހެނދުނު 10:30 އިން 3:30 ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މެޓުން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރުކުރުމަށް ސަމާލުވާން އިލްތިމާސްކޮށްފައިވާއިރު، އެކި ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގުމާއި ގުޅިގެން ޓްރާސްޕޯޓް މިނިސްޓަރީން ވަނީ ކަނޑުދަތުރުކޮށް އުޅޭއިރު ރައްކާތެރިކަން ވަރުގަދަކުރުމަށް ބައެއް ބަދަލުތަކެއް ގެނެސްފަ އެވެ.

އޭގެ ތެރޭގައި ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި، 9 މީޓަރު (30 ފޫޓް) އިން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވެ އެވެ.

މިދުވަސްރު މޫސުން ގޯސް ދުވުމާއި ގުޅިގެން ކަނޑު ދަތުރުތައް ކުރާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން ދަތުރަކަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، އެހެނިހެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.