ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ "ނިއުމަށްތަކުން މަހުރޫމު" ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރު ހުސެއިން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެގެން ގޮސްދާނެ ކަމަށެވެ. އެގޮތުން އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓަށް ހަރަދު ކުރަނީ އިންޑިއާ އިން ކަމަށާއި އެ ތަކެތިން ދިވެހި ބަލިމީހުން އުފުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން އެތަކެތި އަނބުރާ ގެންދަން ގޮވާލާނަމަ އެ ބުރަ އުފުލަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށާއި އެއީ ސަރުކާރަށް އުފުލޭނެ ބުރައެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

"މިފަދަ އެއްޗިހި އަޅުގަނޑުމެން އަނބުރާ ފޮނުވާލާ، މިއާއި އިދިކޮޅަށް އަޅުގަނޑުމެން ކެމްޕެއިން ކުރުމުގެ ނަތީޖާއަކަށްވާނީ، މި ބޮޑު ބުރާ ޖެހުން. ސަރުކާރަށް މިކަން ވާނެތޯ އާއި ނުވާނެތޯ މިއީ އަދި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. އަޅުގަނޑުގެ އިލްތިމާސަކީ މިފަދަކަންކަން ދިވެހިރާއްޖެއަށް ވެފައިވާ ވަގުތެއްގައި، އެފަދަ ނިއުމަތްތަކުން ރާއްޖޭގެ ރައްޔިތުން މަހްރޫމް ވާފަދަ ގޮތަކަށް ނޭނގި ނަމަވެސް މަގުތަކުގައި މުޒާހަރާކޮށް ނެހެދުން،" ހުސެއިން ޝަމީމް ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށްބުން އަދި އެމީހުން ރާއްޖެއިން ބޭރުމަށް ގޮވާލާ އިދިކޮޅުން އަންނަނީ މާލޭގައި އެކި ހަރަކާތް ހިންގަމުންނެވެ. އަދި އިންޑިއާއާއިއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ ސަލާމަތަށް ނުރައްވާ އެތައް ކަމެއް ހުރި ކަމަށް ބުނެ އިދިކޮޅު ފަރާޓްތަކުން ދަނީ އެއްބަސްވުނަތައް ހާމަ ކުރުމަށް ގޮވާލަމުންނެވެ.