ސިފައިންގެ މީހަކު ރަހީނުކޮށް އަނިިޔާކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވާއިރު، ރަހީނުކޮށް އަނިޔާކޮށްފައި ވަނީ އެމްއެންޑީއެފް ކޯސްޓުގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ހަސަން ފަހީމް އެވެ.

އޭނާ ރަހީނު ކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ކަމަށް އާއިލާއިން ވަނީ މައުލޫމާތުދީފަ އެވެ.

އެގޮތުން ރަހީނުކުރުމަށް ފަހު ސިފައިންގެ މީހާއަށް އަނިޔާ ކުރީ ކޮޓަރިއެއްގައި ބާއްވާފައި ކަމަށާއި، ފައިސާގެ ބޭނުމުގައި ހަތް މީހުން ހިމެނޭ ގުރޫޕަކުން ކަމަށް މައުލޫމާތު ލިބެ އެވެ.

އެހެންނަމަވެސް ފައިސާ ނުލިބުމުން މިއަދު ހެނދުނު ސިފައިންގެ މީހާ ސައިކަލެއްގައި ގެންގޮސް ވަނީ އައިޖީއެމްއެޗު ދޮރުމައްޗަށް ވައްޓާލާފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ. އަދި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.