ދުނިޔޭގެ ޖައްވީ އިދާރާ ތަކުން މާސް ގައި ތަފާތު ތަހުލީލު ތައް ކުރަމުން ގެންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

އިންސާނުން ދިރިއުޅެމުންދާ ބިމާ އެންމެ އެއްގޮތް ސިފަ ތަކެއް ހުރި ޕްލަނެޓެއް ކަމުގައި މިހާ ތަނަށް ފާހަގަ ކުރެވިފައިވާ މާސްއަކީ އެ ޕްލަނެޓްގެ މާހައުލުގައި އިންސާނުނަށް ބަދަލުތަކަކާ ނުލައި ދިރިއުޅެވޭ ފަދަ މާހައުލެއް އޮތް ތަނެއް ނޫނެވެ. އެންމެ ކުޑަމިނުން ނޭވާލުމަށް ބޭނުންވާ އޮކްސިޖަން ވެސް އުފައްދައިގެން އުޅެން ޖެހިފައިވާ އެ ބިމުގައި އިންސާނުން ވަޒަންވެރިވުމަކީ ހުވަފެނެއްކަމުގައި ހީވިކަމުގައި ވިޔަސް އެ މަސައްކަތުގައި އުޅޭ މީހުނަށް މިކަން މިއަދުވެފައި ވަނީ އަތް ފޯރާފަށުގައި އޮތް ކަމެއްކަމުގަ އެވެ.

މާސްގައި މީހުން ވަޒަންވެރިކުރުވުމުގެ ޕްލޭނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ އެކަކުކަމުގައިވާ ސްޕޭސް އެކްސްގެ ވެރިޔާ އީލާން މަސްކް ވަނީ މާސްއަށް އިންސާނުން ދިއުމާ ބެހޭ އަންދާޒާ ތާވަލެއް އެކުލަވައިލައިފަ އެވެ.

މަސްކްގެ އަމާޒަކީ އޭނާގެ ސްޕޭސް އެކްސް އިން 2024 ވަނަ އަހަރު މާސް އަށް މީހަކު ފޮނުވުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ސްޕޭސް އެކްސްގެ ޓީމުން ގެންދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. 2024 ވަނަ އަހަރު ފުރަތަމަ މީހާ މާސްއަށް ފޮނުވުމަށް ހިފާފައިވާ އަމާޒުގެ މަގުސަދަކީ 2050 ވަނަ އަހަރާ ހަމަޔަށް މާސްގައި އަމިއްލައަށް ފުދިގެން އިންސާނުން ދިރިއުޅޭ ސިޓީއެއް ގާއިމް ކުރުމެވެ.

ސްޕޭސް އެކްސް އިން މިހާރު ގެންދަނީ އެކުންފުނީގެ ސްޓާޝިޕްގެ ރޮކެޓްތައް ޓެސްޓުކުރަމުންނެވެ. ޖައްވަށް ދިއުމަށްފަހު އަނބުރާ ބިމަށް އަންނަ ގޮތަށް ތައްޔާރުކުރާ ސްޓާޝިޕްގެ ބޭނުމަކީ އިންސާނުން ހަނދަށާއި މާސްއަށާއި އެނޫނަސް ޖައްވުގެ އެކި ހިސާބުތަކަށް ދަތުރު ކުރުމަށް ފަހު އަނބުރާ ބިމަށް ރުޖޫއަވުމެވެ.

މާސްއަށް ކުރަން އުންމީދުކުރެވޭ ދަތުރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސްޕޭސް އެކްސްގެ ސީއީއޯ މަސްކް ބުނެފައި ވާގޮތުގައި ކުރަން މި އުޅެނީ އެހާ ފަސޭހަކަމެއް ނޫނެވެ. އޭނާ ބުނި ގޮތުގައި މި ދަތުރުގައި އެންމެ ގާތް ކަމަކީ މަރެވެ.

"މި ކުރަން އުޅެނީ ވަރަށް ބުރަ ވަރަށް ނުރައްކާތެރި ވަރަށް އުނދަގޫ ކަމެއް. އެމަކަކު މިކަން ކާމިޔާބު ވެއްޖެނަމަ އެވާނީ އާދަޔާ ޚިލާފު ބޮޑު ފަޚުރަކަށް،" އެކްސްޕްލޯ މާސް އޯގްއަށް ދިން އިންޓަވިއުއެއްގައި މަސްކް ބުންޏެވެ.

ހަމަޖެހިފައި ވާގޮތަށް ދާނަމަ ސްޓާޝިޕްގެ ފުރަތަމަ ދަތުރު 2022 ވަނަ އަހަރު ހަނދުގެ ވަށައިގެން ޖަހާ ބުރަކަށް ނައްޓައިލާނެ އެވެ. މިދަތުރުގައި ދާނީ ޖަޕާނުގެ ބިލިއަނަރު ޔުސަކު މައެޒަވާ އާއި ހައެއްކަ ފަންނާނުންނެވެ. ހަމަ އެއަހަރު މާސްއަށް ކާގޯ ދަތުރުތަކެއް ކުރާ ގޮތަށް ވެސް ވަނީ ހަމަ ޖެހިފަ އެވެ. އޭގެ ފަހުން އިންސާނުން ގޮވައިގެން ކުރާ ފުރަތަމަ ދަތުރު އޮންނާނީ 2024 ވަނަ އަހަރުގަ އެވެ.

ސްޕޭސް އެކްސްއިން ތާވަލުކޮށްފައި ވަނީ އެ ކުންފުނީގެ ސައުތު ޓެކްސަސް ޕްލާންޓުގައި ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި 1،000 ސްޓާޝިޕް ތައްޔާރުކުރުމެވެ. އެއީ އަހަރަކު 100 ރޮކެޓެވެ. މި ޕްލޭނުގެ މައިގަނޑު މަގުސަދަކީ ކޮންމެ އަހަރަކު 1،000 ރޮކެޓް މާސް އަށް ފޮނުވުމެވެ. އެއީ އެވްރެޖް ކޮށް ދުވާލަކު ތިން ދަތުރެވެ. ކޮންމެ ދަތުރެއްގައި މާސްގައި ރަށްވެހި ވުމަށްޓަކައި 100 މީހުން ގެންދާނެ އެވެ.

މަސްކްގެ އަންދާސާ ތަކަށް ބަލާ އިރު ގާތްގަނޑަކަށް 9 އަހަރުގެ ތެރޭގައި ކުރެވޭ 1000 ދަތުރުން މާސްގައި 100000 މީހުން ވަޒަންވެރި ކުރެވޭނެ އެވެ.