"ގްރޭޒް އެނަޓޮމީ"ގެ 17 ވަނަ ސީޒަންއަށް އިންތިޒާރު ކުރާއިރު، ޝޯގެ ކާމިޔާބީއަށް މިހާތަނަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. ޝޯގެ އެތަކެއް މަގުބޫލު މޫނުތަކެއް ޝޯއާ ވަކިވެގެން ދިޔަ އިރުވެސް ސަޕޯޓަރުންގެ ތާއީދަކަށް ތަފާތެއް ނާދެ އެވެ.

ކަން މިހެން އޮތުމާއެކު ވެސް ސީޒަން 17 އާއި އެކު ޝޯ މުޅިން އެކީ ނިމިދާނެ ކަމަށް ޝޯގެ މައި ތަރި އަދި ޕްރޮޑިއުސާ އެލަން ޕޮމްޕެއޯ ބުނެފި އެވެ.

އޭނާ މިހެން ބުނެފައި ވަނީ ވެރައިޓީ މެގަޒިންގެ "ޕަވާ އޮފް ވިމެން 2020" އިޝޫގައި ދިން އިންޓަވިއުއެއްގަ އެވެ.

އިއްޔެ ނެރުނު، މިއަހަރުގެ އިޝޫގައި ފީޗާ ކޮށްފައިވަނީ ގްރޭޒް އެނަޓޮމީގެ ވަރުގަދަ އަންހެން ތަރިން މިސީރީޒް މެދުވެރިކޮށް އިންފްލުއެންސް ކުރި ގޮތުގެ ވާހަކަ އެވެ.

ސީރީޒްއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން އެލަން ބުނެފައިވަނީ ޝޯގެ ކާމިޔާބީއާއި މެދު ހިތްހަމަޖެހޭ ކަމަށާ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އަބަދުވެސް ޝޯގެ ކްރެއޭޓިވިިޓީ ދަމަހައްޓަން ގިނަ ގުނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން މިފަހަރުގެ ސީޒަންގައި ވެސް ޝައުގުވެރި އެތައް ޓުވިސްޓްތަކެއް ހިމެނޭނެ ކަމަށް އެލަން ފާހަގަކުރި އެވެ.

އަންނަ ނޮވެމްބަރު 12ގައި ސީޒަން 17 ޕްރިމިއާ ކުރަން ހަމަޖެހިފައި ވާއިރު، ސީޒަން 18ގެ އެއްވެސް ވާހަކައެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން ގްރޭޒް އެނަޓޮމީ އާކޮށްފައި ވަނީ މިދިޔަ އަހަރު، ސީޒަން 16 އަދި 17 ގެނެސްދޭ ގޮތަށެވެ. އެހެންކަމުން ފެށެން މިއުޅޭ ސީޒަނަކީ ހަގީގަތުގައިވެސް މެރިޑެތްގެ ވާހަކަ ނިންމާލާ ސީޒަނަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަމަށް ބާރުދޭ އިތުރު ހެއްކަކީ ސީރީޒްގެ މައި ކެރެކްޓަ މެރިޑެތް ގްރޭގެ ކެރެކްޓާ ކުޅޭ ތަރި އެލަން ޕޮމްޕެއޯ ޝޯއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ތެރޭގައި ހަމަވުވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެލަން އަދި އެއްވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

މީގެ 15 އަހަރު ކުރިން 2005 ވަނަ އަހަރުން ފެށިގެން ކުރިޔަށްދާ މި ސީރީޒްއަކީ މިހާތަނަށް މެދުނުކެޑި އެންމެ ގިނަ ދުވަސް ވަންދެން ކުރިޔަށްދިޔަ މެޑިކަލް ޑްރާމާ އެވެ.