މާލޭގެ މަގުމަތިން ހިނގާފަ ދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެެއް ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާ ވަނީ މަގުމަތިން ހިނގާފައި ދިޔަ އަންހެން މީހާގެ ޖިންސީ ގުނަވަނެއްގައި އަތްލައި ޖިންސީ ފުރައްސާރަކޮށްފައި ކަމަށް ސޯޝަލްމީޑިއާގައި އެ އަންހެން މީހާ ބުނެފައިވެ އެވެ.

މިކަން ހިނގީ އަންހެން މީހާ މަސައްކަތަށް ދިޔަ ވަގުތުގައި ކަމަށާއި، މިކަން ހިނގުމާއި އެކު އޭނާ އަށް ފުލުހުންގެ އެހީތެރިކަން ލިބުނުކަމަށްވެސް އޭނާ ބުނެފައިވެ އެވެ. އެހެންނަމަވެސް އެ ފިރިހެން މީހާ އަންހެން މީހާއަށް ޖިންސީ ފުރައްސާރަ ކުރިކަން ދޮގުކުރިކަމަށާއި އެއީ ހިނގާފައި ދަނިކޮށް އަތް ޖެހުނީމަ ވީކަމެއް ކަމަށް ބުނިކަމަށް އެ އަންހެން މީހާ ބުނެފައިވެ އެވެ.

މި މައްސަލަ މިއަދު 10:52 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، ފުލުހުން ބުނީ އެއިދާރާއިން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.