ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ އަދަދު މަދުނުވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު އެކަނި ވެސް 287 މައްސަލައެއް ހުށަހެޅި އެވެ. އަދި އޭގެ ތެރެއިން ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ 127 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ.

އެ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކަކީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް އިހުމާލުވުމުގެ 40 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 25 މައްސަލަ އަކާއި ޖިސްމާނީ އަނިޔާގެ 29 މައްސަލަ އެއްގެ އިތުރުން ގެވެށި އަނިޔާކުރާ މަންޒަރު ކުދިންނަށް ދެއްކުމުގެ 12 މައްސަލައަކާއި ނަފްސާނީ އަނިޔާގެ 10 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ.

ހަމައެހެންމެ ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ 8 މައްސަލައަކާއި ގަނާލިބި ފުރައްސާރައިގެ ތިން މައްސަލައެއްގެ އިތުރުން މައިން ބަފައިން ކުދިންް ދޫކޮށް ދިޔަ އެއް މައްސަލަ ވެސް ހިމެނެ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ އެއްކޮށް 64 މައްސަލައެއް ސެޕްޓެންބަރު މަހު އެކަނިވެސް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ. މިފަދަ މައްސަލަތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާއްޖޭގެ ގާނޫނުގައި ބަޔާންވެފައި އޮތް ނަމަވެސް މި މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަވެ އެވެ.