ވޮޝިންޓަން (19 ނޮވެމްބަރު) - އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސިއްހީ ޓެސްޓްތަކެއް ހެދުމަށްޓަކައި އެނެސްތީޝިއާ ޖަހަން ޖެހޭތީ ކުޑަވަގުތު ކޮޅަކަށް ރައީސްކަމުގެ ހުރިހާ ޒިންމާއެއް ނާއިބު ރައީސް ކަމަލާ ހެރިސްއާ ހަވާލުކޮށްފި އެވެ.
ރައީސް ބައިޑަން ވަނީ ސިއްހީ ސަބަބުތަކަށްޓަކައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 10:10 ން 11:35 ށް ރައީސްކަމުގެ ޒިންމާތައް ހެރިސްއާ ހަވާލު ކުރެވޭނެ ކަމަށް ކޮންގްރެސްއަށް އަންގާފަ އެވެ.
ވެރިކަމުގެ ބާރުތައް ހެރިސްއާ ހަވާލު ކޮށްފައި މިވަނީ ބައިޑަން ކޮލޮނޮސްކޮޕީ ޓެސްޓެއް ހެދުމަށްޓަކައި ހޮސްޕިޓަލުގައި އެނދުމަތިވެ އެނެސްތީޝިއާގެ ހާލަތުގައި އޮންނަވާ ވަގުތު ކޮޅަށެވެ.
ބައިޑަން ވަނީ ޓެސްޓު ހެއްދެވުމަށްފަހު ހެރިސްއާއި ވައިޓް ހައުސްގެ ޗީފް ރޮން ކްލެއިންއާ ބައްދަލުކުރައްވައި ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެ މަގާމުގެ ޒިންމާތައް އަނބުރާ ގެންދަވާފަ އެވެ.
އެމެރިކާގެ ގާނޫނު ބުނާގޮތުން ރައީސްކަމުގައި ހުންނަ ފަރާތަކަށް މަގާމުގެ ޒިންމާތައް އަދާ ނުކުރެވޭނެ އެއްވެސް ކަހަލަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ނާއިބު ރައީސްއާ ހަވާލުކުރަން ޖެހޭނެ އެވެ.
މިއާއެކު ހެރިސް ވެފައިވަނީ އެމެރިކާގެ އެކްޓިން ޕްރެޒިޑެންޓެއްގެ ގޮތުގައި މަގާމުގެ ޒިންމާތަކާ ހަވާލުވި ފުރަތަމަ އަންހެން ބޭފުޅާއަށެވެ.
މީގެ ކުރިން 2002 ވަނަ އަހަރާއި 2007 ވަނަ އަހަރު ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ޒައާމަތުގައި ވެސް ވަނީ މިފަދަ ގޮތަކަށް ނާއިބު ރައިސްއާ ޒިންމާތަކާއި ބާރުތައް ހަވާލު ކޮށްފަ އެވެ. – އަލް އަރަބިއްޔާ