ލ. ގަމުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލާއި ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ލ. ގަމު ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން އިތުރަށް ބުނެފައި ވަނީ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ރައީސްއާ މަސްވަރާކުރައްވާފައިވާ ކަމަށެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ގިނަ މަސްރޫއުތަކެއް ބަޖެޓްކޮށްފައިވާ އިރު މި މަޝްރޫއުތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ވަނީ ރައީސްގެ އަރިހުގައި ދަންނަވާފަ އެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ރަށުގައި ހިންގަންކަމަށާއި، މަގުހެދުމުގެ މަޝްރޫއާއި، ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮއްދެއްވުމަށާއި، ރަށުގެ ސިއްޙީ ހިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ ފެނާ ނަރުދަމާ ނިޒާމް ގާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަހައްދުތައް ތަރައްގީކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ވަނީ ރައީސްއާ ހިއްސާކުރައްވާފަ އެވެ.

ސަރުކާރުގެ ވިސްނުމުގެ ދަށުން ރަށުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގޭނެ ކަމަށާއި، މީގެ އިތުރުން ވެސް ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަސްވަރާކުރެއްވުމަށް ފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.