ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކެއް ފެނުމާ ގުޅިގެން، ށ. ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ރަށު ތެރެއިން ނެގި ދެ ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވިކަން ކޮމަންޑޫ ސިއްހީ މަރުކަޒުން އަންގާފައިވާކަން ފާހަގަކޮށް އެ ސްކޫލުން ވަނީ ކޮވިޑް އިތުރަށް ފެތުރުނަ ނުދިނުމަށް މިއަދުން ފެށިގެން ސްކޫލުގެ ކިޔެވުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

މިގޮތުން މިއަދުން ފެށިގެން އެ ރަށުގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމާ ހަމައަށް ސްކޫލު ބަންދުވާނެ ކަމަށާއި، ސްކޫލުގެ ދަރިވަރުންނާއި މުއައްޒަފުން ސްކޫލަށް ހާޒިރުވާން ނުޖެހޭނެ ކަމަށް އެ ސްކޫލުން ވަނީ ބުނެފަ އެވެ.

މި ހާލަތުގައި ކޮވިޑު ފެތުރުނަނުދީ ހިފެހެއްޓުމަށާއި، ރައްކާތެރި ފިޔަވަޅުތައް ހަރުދަނާކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރުގައި ނޫޅުމަށާއި، މާސްކް އަޅާއި، ސާފްތާހިރުކަމަށް އިސްކަމެއްދީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިސްތިމާސްކޮށްފަ އެވެ.

އެ ރަށުގައި ނެގި ރޭންޑަމް ދެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު، މީގެ ކުރިން އެރަށުން ވަނީ ހޯމްކަރަންޓީނުގައި ހުރި ބަޔަކު ވެސް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑުގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، ރަށްތަކަށް އަރައި ފޭބުން އެޗްޕީއޭއިން ބަންދުކުރަމުން ގެންދާއިރު، އިއްޔެގެ ނިޔަލަށް 137 މީހަކު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އޭގެ ތެރެއިން މާލެއިން 17 މީހަކާއި ރިސޯޓތުތަކުން 11 މީހަކު ހިމެނޭއިރު، އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 109 މީހުންނެވެ.