ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަގުތީގޮތުން ދިރިއުޅުއްވުމަށް ހަމަޖެހިފައިވާ މުރައިދޫގޭގެ ވަށައިގެން ރަތް ރޮނގުދަމައި ރެޑް ޒޯންއެއްގެ ގޮތުގައި ކަނޑައަޅާއިފި އެވެ.

ރައީސް ނަޝީދު ހުންނެވުމަށް ދައުލަތުން ހަމަޖައްސަވާ ވަގުތީ ގެކޮޅުގެ މަސައްކަތް ނިމިފައިވާ ވާހަކަތައް ދެކެވެމުންދާއިރު، އިއްޔެގެ ވަގުތެއްގައި ރައީސް ނަޝީދު ވަނީ ރާއްޖެ ވަޑައިގެން ދިރިއުޅުއްވުން އެގެއަށް ބަދަލުކުރައްވާފަ އެވެ.

އެއާއެކު މާލެ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި ގެ ވަށައިގެން ރަތް ރޮނގުދަމައި ރެޑްޒޯނަކަށް ހަދާފަ އެވެ. ރެޑް ޒޯންގެ ގޮތުގައި ފާހަގަކުރާ ސަރަހައްދުތަކުގައި މަޑުކުރުމަކީ މަނާކަމެކެވެ.

ބައެއް މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި މުރައިދޫގެ ރެޑް ޒޯންއެއްގެ ގޮތުގައި ކަނޑައެޅީ އެމްއެންޑީއެފްގެ އެންގުމުގެ މަތިންނެވެ. އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން އަދި މިހާތަނަށް އެމްއެންޑީއެފުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދު ދިރުއުޅުއްވުމަށް މުރައިދޫގެ ދައުލަތުން ހަމަޖެއްސީ އެމަނިކުފާނު އަވަހާރަކުރެއްވުމަށް ދިން ހަމަލާ އާއި ގުޅިގެން ކުރިން ރައީސް ނަޝީދު ދިރިއުޅުއްވި ގެކަމަށްވާ ގ.ކެނެރީގޭގައި އެމަނިކުފާނަށް ސެކިއުރިޓީ ދޭން އުނދަގޫތަކެއް ހުރުމާއި ގުޅިގެންނެވެ.

އޭގެ އިތުރުން އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށްފަހު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަމުން ގެންދާކަން ފާހަގަކޮށް އާންމުންގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވެ އެވެ.