ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ އިންވެސްޓްމަންޓްގެ ދަށުން އދ. ދަނގެތީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ އެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ދަނގެތީގައި ބެހެއްޓި އޭޓީއެމްއާއެކު ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ބޭންކުން މިހާރު އދ. އަތޮޅުގެ ދަނގެތީގެ އިތުރުން، ދިގުރަށް، މަހިބަދޫ އަދި މާމިގިލީގައި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން ބޭންކުން ވަނީ އަލަށް ހުޅުވި މަހިބަދޫ ބްރާންޗުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު އަޕްގްރޭޑްކޮށް ހުޅުވާފަ އެވެ.

ބީއެމްއެލްއިން އދ. ދަނގެތީގައި ހެދި އޭޓީއެމް ސެންޓަރު. އެ އަތޮޅުގެ ހަތަރު ރަށެއްގައި މިހާރު އޭޓީއެމް ބަހައްޓާފައިވޭ. ފޮޓޯ: ބީއެމްއެލް

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 74 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ޚިދުމަތާއެކު، އެ ބޭންކްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ބުންޏެވެ.