އަލަށް އާބާދުވާން ފަށާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުމުރުން ދުވަސްވީ މީހެއްގެ އަތުން ފޭރުނު މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގައި އަނިޔާތަކެއް ދިނުމަށްފަހު ފޭރުނީ އުމުރުން 85 އަހަރުގެ ފިރިހެނެއް އަތުންނެވެ. އަދި އޭނާ ފޯނާއި ވޮލެޓު ފޭރިގަނެފައިވާއިރު، ފުލުހުން ވަނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު މައްސަލަ ބަލަމުންގެންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން އަނިޔާވި އުމުރުން ދުވަސްވީ މީހާ ބުނީ ފޭރުނު މީހުން އޭނާގެ ގާތަށް އައިސް، ކޮށްޓާލުމަށްފަހު ވޮލެޓާއި ފޯނު ފޭރިގަތުމަށްފަހު ކޮށްޕާލީ ކަމަށެވެ. އޭގެ ސަބަބުން އޭނާ ވެއްޓީ ކަނާތަށް އެކި ވަރުގެ އަނިޔާ ވެސް ލިބިފައިވެ އެވެ.

މިފަދަ ފޭރުމުގެ މައްސަލަތަކާ މަސްތުވާތަކެތީގެ މައްސަލަތައް އެތަނުގައި އާންމުވި ނަމަވެސް، އެ ސަރަހައްދުގައި ފުލުހުންގެ ހިދުމަތް އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށް ބުނެ އާންމުން ދަނީ ޝަކުވާ ހުށަހަޅަމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެތީ ދެ މަސް ދުވަސް ފާއިތުވިއިރު ވެސް އެ ސަރަހައްދުގައި ފުލުހުންގެ ހިދުމަތް ފަށާފައި ނުވާތީ ގިނަ މީހުން ދަނީ ޝަކުވާކުރަމުންނެވެ.