ބްރެޒިލް އިން ރާއްޖެއައި މީހެއްގެ އަތުން 18.8 ކިލޯގެ ކޮކެއިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި އަތުލައިގަތީ ބްރެޒިލްއިން އައި އެ ގައުމުގެ މީހެއްގެ އަތުން ކަމަށެވެ. އަދި އެ ތަކެތީގެ އަގަށް 94 މިލިއަން ރުފިޔާ އަރާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ އޭނާ އަތުން މަސްތުވާތަކެތި ފެނުނީ މިމަހުގެ ދެވަނަ ދުވަހު ރާއްޖެ އައުމުން އޭނާއާ މެދު ޝައްކުކުރެވިގެން އެ އިދާރާއިން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 28 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ އާއެކު އަންހެނަކު އައިއިރު، އެ އަންހެން މީހާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މަސްތުވާތަކެތި ފެނިފައިވަނީ ފިރިހެން މީހާގެ ލަގެޖް ބަލާ ފާސްކުރިއިރު ލަގެޖުގެ ތެރެއިންނެވެ. އަދި ކަސްޓަމްސްއިން ޗެކްކުރުމުގައި މިތަކެއްޗަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހާފަ އެވެ.