ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ފިނޑި ބައެއް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މަނީ ލޯންޑަރިންގެ އިތުރު ދައުވާއެއް އުފުލުމާ ގުޅިގެންނެވެ. މިގޮތުން ރައީސް ޔާމީންގެ މައްޗަށް މިފަހަރު ދައުވާކުރީ ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އެވެ.

މި މައްސަލައާއި ގުޅިގެން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް ނުހައްގުން ދައުވާތައް އުފުލަނީ ރައީސް ސޯލިހާއި، ރައީސް ނަޝީދު ގަންނާކުރައްވައި ބިރުން ކަމަށެވެ. އަދި އެއީ ފިނޑިބައެއް ކަމަށް ވިދާޅުވެ ޝުޖާއު ވަނީ އެއްވެސް ހާލަތެއްގައި އެޕާޓީން ދޫނުދޭ ނެކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އަނިޔާވެރިންގެ ކުރިމަތީ ރައީސް ޔާމީން އާއި އެ މަނިކުފާނުގެ ޕާޓީގެ ލީޑަޝިޕާއި ކައުންސިލް އަދި ގްރާސްރޫޓް ކުޑަކަކޫ ނުޖަހާނެ ކަމަށް ވެސް އޭނާ ބުނެ އެވެ.

ރައީސް ޔާމީންއަށް ދައުވާކުރުމާ ގުޅިގެން ޝުޖާއު ވިދާޅުވީ މިއީ ރައީސް ޞާލިހުގެ އަނިޔާވެރިކަން ދައްކާލާ ދުވަހެއް ކަމަށެވެ. އަދި އެ އަނިޔާވެރިކަން ނިމެން ކައިރިވެއްޖެ ކަމަށާއި، ރައީސް ޔާމީނަށް ނުހައްގުން ކުރާ ކޮންމެ އަނިޔާއެއްގެ ވަށައިގެންވާ އެންމެން ހޯދާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

އެ މީހަކު ކުރިކަމެއް އެ މީހަކާ ގާނޫނީ އިމުގެ ތެރެއިން ބައްދަލު ކުރާނެ ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ވެސް ރައީސް ޔާމީނަށް ލޯންޑްރިންގެ ދައުވާ ކުރި އެވެ. އެ މައްސަލައިގައި ޕީޖީން ފޮނުވާފައި ވަނީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމުގެ ދައުވާ އެވެ. އަދި މި މައްސަލަ ސާބިތުވެ ރައީސް ޔާމީނަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ.