އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ އިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ، އެ އިމާރާތް ހުސްކުރުން އެކަށީގެންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވަނީ އަރަބިއްޔާ ޕީޓީއޭގެ އެކްސްކޯ މެމްބަރުންނާއެކު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އެ ސްކޫލުގެ ޕީޓީއޭގެ އިސް ފަރާތްތަކާއި މަޝްވަރާ ކުރައްވައި ދަރިވަރުންނާއި އިމާރާތުގައި ދިރިއުޅޭ ރައްކާތެރިކަމަށް އިމާރާތް ހުސްކުރުން އެކަށީގެންވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ސްކޫލްގެ ބެލެނިވެރިއަކު ބުނީ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހޭނެ ހާލަތަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށާއި، ނުވަތަ އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ކިޔަވައިދިނުން ބަދަލުކުރަން ޖެހިދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބެލެނިވެރިންނާއި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ސްކޫލް ހިންގަމުން އަންނަ އިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދިއުމާ ގުޅިގެން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން އެހެން ޢިމާރާތަކަށް ބަދަލުކޮށްދިނުމަށް އެދި އާންމުން ވަނީ ގޮވާލާފަ އެވެ. އެ ސްކޫލްގެ އިމާރާތުގައި ރެނދުލާފައި ހުރި ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފްއާއި ޑރ. މުހައްމަދު އަލީ ޝަހީމް ވެސް ވަނީ ވަނީ އެ ތަނުގެ ބައެއް ފޮޓޯތަކާއެކު ޓުވީޓްކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އޭގެ އިތުރުން ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލާފައި ހުރުމުގެ ސަބަބުން އެ ސްކޫލް އިމާރާތުގެ އެސެސްމަންޓެއް ދެ ފަހަރަކު ހަދާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އިމާރާތް މަރާމާތުގެ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މީގެ ކުރިން ވެސް ހާމަކޮށްފަ އެވެ.