ސ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އިސްލާމް ދީނާއި ހިލާފަށް ވާހަކަ ދެއްކި އިންޑިއާގެ ޓީޗަރު ސަސްޕެންޑްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީއަށް ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު ޓީޗަރަށް ފިޔަވަޅު އަޅައި ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އެ މިނިސްޓްރީން ވަނީ އެ މައްސަލަ އިތުރަށް ބަލަމުން ގެންދާނެ ކަމަށާއި، މައްސަލަ ބަލައި ގަވާއިދުގެ މަތިން އޭނާ އަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

މި މައްސަލައިގައި ސަސްޕެންޑް ކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ. އޭނާ ވަނީ އެސްކޫލުގެ ގްރޭޑް އަށެއްގެ ދަރިވަރުންނަށް "ގުރުއާނަކީ ހިޔާލީ ވާހަކަތަކެއް" ކަމަށް ބުނެ ވާހަކަދައްކާފަ އެވެ. އަދި ކަލަކު ވޮޑިގެންނުވާ ކަމަށާއި ކަލަކުވާ ކަމަށް ގަބޫލުކުރެވެނީ ކުޑައިރުންސުރެ އެކަން ކުދިންނަށް ކިޔަވައިދީ ވިސްނާދިނުމުން ކަމަށްވެސް އެޓީޗަރު ބުނެފައިވެ އެވެ.

މި މައްސަލަ އާއި ގުޅިގެން މިނިސްޓްރީން ބުނީ މައްސަލަ އިތުރަށް އެ ސްކޫލުން ތަހުގީގުކުރަމުން ގެންދާ ކަމަށާއި، އެކަން ހިނގައި ދިޔައީ ކިހިނެއްކަން ބަލައި ސްކޫލުން ރިޕޯޓެއް އެ މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.