ރާއްޖޭގައި އަލަށް އެކުލަވާލުމަށް ހުށަހަޅާފައިވާ "އެކުވެރި ސުވަދީބު ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހެދުމަށް ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމައިފި އެވެ.

އިލެކްޝަނުން އެ ނަމުގައި ޕާޓީއެއް ހެދުމަށް ހުއްދަ ނުދިނުމަށް ނިންމީ، ދިވެހި ރާއްޖޭގެ ގާނޫނުގައި ސިޔާސީ ޕާޓީއެއް ހެދުމަށް ވަކި މީހެއްގެ ނަމެއް ނުވަތަ ރާއްޖޭގެ ވަކި ސަރަހައްދެއްގެ ނަމަކަށް ނިސްބަތްކޮށް ޕާޓީގެ ނަން ނުކިޔޭނެ ކަމަށް ބަޔާންކޮށްފައިވުމާ ގުޅިގެންނެވެ.

އެ ޕާޓީ ހެދުމަށް ހުށަހަޅާފައިވާ ނަމަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ ނަމަކަށް ވުމާއެކު، އެއީ އެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެންމެ އެކަށީގެންވާ ނަމެއް ނޫން ކަމަށް އިލެކްޝަނުން ވަނީ ނިންމާފަ އެވެ. އަދި މި ސަބަބާ ގުޅިގެން އެ ނަމުގައި ޕާޓީ ހެދުމަށް ހުއްދަ ނުދެވޭނެ ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

"އެކުވެރި ސުވަދީބް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަނަށް ހުށަހަޅާފައި ވަނީ މުހައްމަދު ޔާސީން ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ހުށަހެޅީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށް ސިޔާސީ ޕާޓީތައް އެކުލަވާލަމުންދާއިރު، މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އިލެކްޝަންގެ ދަފްތަރުގައިވެ އެވެ. މިގޮތުން އެންމެ ދަހުން އިލެކްޝަނުން ރަޖިސްޓްރީކޮށްފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.