ގިނަ އަދަދެއްގެ ޑޮލަރު ކަޅު ބާޒާރުގައި ވިއްކާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކަޅު ބާޒާރުގައި ގިނަ އަދަދެއްގެ ބޭރު ފައިސާ ވިއްކުމުގައި އިސްކޮށް އުޅޭ ކަމުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ދެ ބިދޭސީންނެވެ.

މި މައްސަލަ ބަލައި ކްރިމިނަލް ކޯޓަށް އެދެމީހުން ހާޒިރުކުރުމުން އެކޯޓުން ވަނީ އެދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮފަ އެވެ.

މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނަކީ ރޮބީއުﷲ ނަމަކަށް ކިޔާ، އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި، މުހައްމަދު ފިރްދައުސް ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

ކްރިމިނަލް ކޯޓުން ވަނީ ރޮބީއުﷲ އަށް 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަދި މުހައްމަދު ފިރުދައުސް ބަންދުކުރި 15 ދުވަހުގެ މުއްދަތަކަށެވެ.

މި މައްސަލައިގައި ރޮބީއުﷲ އަށް ތުހުމަތުކުރީ ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތައް ބޭނުންކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ތުހުމަތެވެ. އަދި ފިރުދައުސް އަކީވެސް ޖަމާއަތް ހަދައިގެން ބޭރު ފައިސާ ގަނެ ވިއްކާ މީހެއް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

ރާއްޖޭގައި ކަޅު ބަޒާރުގެ ޒަރިއްޔާއިން ވިޔަފާރިކޮށް މަންފާ ނެގުން ވަނީ އާންމު ކަމަކަށްވެފަ އެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގައި ރާއްޖެއަށް ވެސް އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވެފައިވާއިރު، މިކަމަށް ހައްލެއް ލިބުމުގައި ޑޮލަރު ހިފެހެއްޓޭނެ ގޮތެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް އިގްތިސާދީ މާހިރުން ލަފާދެ އެވެ.