ލ.ގަމު ގައި ހުރި މިސްކިތަކަށް ވަދެ މީހަކު މުދިމަކަށް ހަމަލާދީފި އެވެ.

މި މައްސަލައިގައި އަނިޔާވީ އަބްދުލް ގަފޫރް އުމަރު ނަމަކަށް ކިޔާ މީހެކެވެ. މީޑިޔާތަކަށް މައުލޫމާތުދެމުން އޭނާ ބުނީ މީހަކު އައިސް އޭނާ އަށް ހަމަލާ ދިނީ ހުކުރު ދުވަހުގެ ފަތިސް ނަމާދުކޮށް ސަލާން ދިންތަނާ ކަމަށެވެ. އަދި މި ހަމަލާ ދިނީ އެރަށުގައި އުޅޭ މީހެއް ކަމަށާއި، އޭނާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ ކަމަށް ބެލެވޭ މީހެއް ކަމަށް އޭނާ ބުންޏެވެ.

އަބްދުލް ގަފޫރް ބުނީ ސަލާމްދީ ނިމުމުން އޭނާ ކައިރިއަށް ގޮސް ހުކުރު ހުތުބާ ކިޔައިދިނުމަށް ބުނި ކަމަށާއި، އެހެން ބުނުމަށް ފަހުގައި މުޞައްލައިން ގަފޫރު ގައިގައި ޖެހުމަށް ފަހުގައި މުއްކަވައި ބުރަކަށީގައި އަތް އަޅައި ކޮށްފާލިކަމަށެވެ.

މުދިމަށް ހަމަލާދިން މީހާ އަކީ މީގެ ކުރިންވެސް މިފަދަ އަމަލެއް ކުރި މީހެއް ކަމަށް ހަބަރުލިބެ އެވެ. އެގޮތުން އޭނާ ވަނީ ނަމާދަށް އަރައި ހުރި ފުލުހަކަށް ހަމަލާދީ އޭނާ މިސްކިތުން ބާލުވަން މަސައްކަތް ކޮށްފައި ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އޭނާގެ ސަބަބުން ރަށުގައި ދިރިއުޅޭ އެހެން މީހުންނަށްވެސް އުނދަގޫތަކާއި ކުރިމަތިލާން ޖެހޭކަމަށް ގަފޫރު ބުންޏެވެ.

އޭގެ އިތުރަށް ގަފޫރު ވަނީ މި މައްސަލައާއި ގުޅިގެން ހަމަލާދިން މީހާއަށް ދައުވާ ކުރަން ބޭނުން ނުވާ ކަމަށާއި، އޭނާގެ ކިބައިގައިވާ ނަފްސާނީ ބަލިމަޑުކަމަށް ފަރުވާދިނުމަށް ފުލުހުންނަށް ހުށަހަޅާފަ ކަމަށް މީޑީޔާތަކަށް މައުލޫމާތު ދީފަ އެެވެ.

ފަހަކަށް އައިސް މިސްކިތްތަކުގައި ހިނގާ މިފަދަ އަމަލުތައް ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.