ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެނިހެން ދީންތައް ފެތުރުމަށް، ބަޔަކު އޮންލައިންކޮށް ހިންގާ އެކި އެކި ވަސީލަތްތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ވަނީ ދިވެހިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ހިިންގާ މިފަދަ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކުގެ އިތުރުން ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތައް ބްލޮކް ކުރުމުގެ އަމުރެއް ނެރެފަ އެވެ.

ރާއްޖޭގައި ދީނީ ގޮތުން މިނިވަންކަން ދިނުމަށް އެއްބަޔަކު ގޮވާލަމުން ގެންދާއިރު، އަނެއް ބަޔަކު ދަނީ މިކަން އަމަލީ ގޮތުން ކުރަމުންނެވެ. އަދި ޔޫޓިއުބް ޗެނަލްތަކުގެ ޒަރިއްޔާއިންނާއި އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން އެކި ދީންތައް ފެތުރުމުގެ މަސައްކަތް ކުރަމުން ގެންދާ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެމިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް މަސައްކަތް ކުރާ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގުކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެކަމަށެވެ. އަދި ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކުރާ ހުރިހާ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ނެރެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މި އަމުރު ތަންފީޒުކުރުމަށް 72 ގަޑިއިރު ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށާއި، އަމުރު ތަންފީޒު ކުރުމަށް ރާއްޖޭގައި އިންޓަނެޓު ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިކަން އަންގާފައިވާނެ ކަމަށެވެ.

އެހެންކަކުން އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އެ މުއްދަތުގެ ތެރޭގައި އަމުރަށް ތަބައަ ނުވާނަމަ، އެކުންފުނިތަކާއި މެދު ގަނޫނީ ފިޔަވަޅު އަޅާނެކަމަށް ވަނީ އިންޒާރުދީފަ އެވެ.