ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިތާ މާގިނައިރެއް ނުވަނީސް، އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން ކުރިމިނަލް ކޯޓަށް އެދުނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އެދުމުގެ މަތިން ކަމަށް ފުލުހުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރު ނެރެފައި ވަނީ ރައީސް ޔާމީނުގެ މައްޗަށް 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި އިއްވި ޖަލު ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން، މިހާރު ތަހުގީގުކުރާ މައްސަލައަކާ ވިއްދައި ކޯޓުގައި ފުލުހުން އެކަމަށް ހުށަހެޅުމާ ގުޅިގެންނެވެ.

ހަތް ދުވަހުގެ މުއްދަތަކަށް އަމުރު ނެރުނު ނަމަވެސް މި އަމުރު ނެރުނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މިފަދަ މައްސަލައަކާ ގުޅިގެން މީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ނެރުމަށް ޕީޖީން އެދޭނަމަ އެދެންޖެހޭނީ ފުލުހުންނަށް ކަމަށް ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހް ވަނީ ވިދާޅުވެފަ އެވެ. އަދި މި އުސޫލުގެ މަތިން ޕީޖީން ވަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ފުލުހުންނަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުނު އިރު ކްރިމިނަލް ކޯޓުގައި މިހާރު އޮތް ދެ ދައުވާ އަކީ ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލަ އެވެ. ފުއްގިރި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާ އެވެ.

ރައީސް ޔާމިންގެ މައްޗަށް ދަށު ކޯޓުން އިއްވަފައިވާ ހުކުމް ބާތިލްކޮށް އިއްޔެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ، ހުކުމް ބާތިލްކުރި ކަމުގައިވި ނަމަވެސް، ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ހަގީގަތް ހޯދުމަށް އެމައްސަލަ އަލުން ތަހުގީގު ކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށެވެ.