ޖެންޑާ މިނިސްޓްރީގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ވަކިކުރި މުވައްޒަފަކު ބުނީ މިއަދު ބައްދަލުވުމަކަށް ހާޒިރުވުމަށް އެންގުމުން އެ މުވައްޒަފުން އެ ބައްދަލުވުމަށް ދިއުމުން ކުޑަކުދިން ބަލަހައްޓާ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ބައްދަލުވުމަށް ހާޒިރުކުރި ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަން އަންގާފައިވާ ކަމަށެވެ.

އެ މިނިސްޓްރިން 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، ޖެންޑާ ހިމެނޭ ގޮތަށް ސަރުކާރުގެ ވުޒާރާތަކަށް ސިޔާސީ މަގާމުތަކަށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި ޕާޓީއަށް ވަފާތެރި މީހުންނަށް ދަނީ ވަޒީފާދެމުންނެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ވެސް 1،045 މީހަކަށް ހަރަދުކުރަން މުސާރައިގެ ގޮތުގައި 407.6 މިލިއަން ރުފިޔާ ވަނީ ކަނޑައާފަ އެވެ.

ޖެންޑާ މިނިސްޓްރީން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމީ ސިވިލް ސާވިސް ކޮމިޝަނާއި ރައީސް އޮފީހުން ކަމަށް ވެސް އެ މުވައްޒަފުން ގާތުގައި މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އެކަން އޮޅުންފިލުވަން އެ މުވައްޒަފުން ރައީސް އޮފީހަށް ވެސް ދިޔަ އެވެ.

ކުޑަކުދިންގެ ހިޔާއިން 21 މުވައްޒަފަކު ވަކިކުރިއިރު އެތަނުގައި 71 މީހަކު ވަޒީފާ އަދާކުރެ އެވެ.

ކުޑަކުދިންގެ ހިޔާ ބަންދުކޮށް އެތަނުގައި ތިބި ކުދިން އެކި ރަށްރަށުގައި ހިންގަމުންދާ އަމާންވެށިތަކަށް ބަދަލުކުރަން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ އެހެނިހެން ތަންތަނަށް ވަޒީފާ ބަދަލުކުރަން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު މީގެ ކުރިން ހުޅުވާލި އެވެ. ހިޔާގައި ތިބި 43 މުވައްޒަފަކު ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ. އަދި 8 މުވައްޒަފަކު ވަނީ އަމިއްލައިން ވަޒީފާއިން ވަކިވެފަ އެވެ.