ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލްގެ އަލަތު ކައިވެނީގެ ވާހަކަތަކަކީ މިހާރު މުޅި ބޮލީވުޑްގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކަ އެވެ.

މި ދެ ފަންނާނުން ވެސް އެމީހުންގެ ކައިވެނި ކުރުމަށް ރާވާފައި ވަނީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގަ އެވެ. ކައިވެނި ހަފްލާ ބޭއްވުމަށް އެ ފަންނާނުން ވަނީ މާ ކުރިންސުރެ ވެސް ކައިވެނިކުރާ ވެނިއު ނަގައި ފައިސާ ދައްކާފަ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި މީގެ ކުރިން ކެޓްރީނާ އާއި ވިކީ ވަނީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ގޭގައި ބޭއްވި ދިވާލީ ޕާޓީގައި އެންގޭޖް ވެސް ވެފަ އެވެ.

މިމަހު މި ދެ ތަރިންގެ ކައިވެނި ހަމަޖެހިފައިވާއިރު، ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ތާރީހަކީ މި މަހުގެ 7 އިން ފެށިގެން 9 އާ ދެމެދެވެ.

ކައިވެނީގެ ދުވަސްތައް ކައިރީވާ ވަރަކަށް ކެޓްރީނާ އާއި ވިކީ ދަނީ ކައިވެނީގެ ތެރެއިން ކުރާ އެކި ކަންކަމަށް ތައްޔާރުވަމުންނެވެ. މިގޮތުން ހިންދޫ ސަގާފަތުގައި ހިމެނޭ ހަލްދީ (ރީނދޫ ކޭއްތުމުގެ) ރަސްމް ވެސް މިހާރު ވަނީ ބާއްވާފައި ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވެނިއުއަށް ގިނަ އަދަދެއްގެ ގެސްޓުން ދިޔަ ނަމަވެސް އެ މީހުން ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ތައްޔާރީތަކުގެ ތެރެއިން ކޮށްފައިވާ އިންތިޒާމް ސިފަކުރަނީ ބޮޑު ބޮލުގަ ރިހުމެއްގެ ގޮތުގަ އެވެ.

މިގޮތުން ކައިވެންޏަށް ދާ ކޮންމެ ގެސްޓަކަށް ވެސް އެހާމެ ގަވާއިދު ބޮޑުކޮށްފައިވާކަން ފާހަގަކޮށް ގިނަ މެހެމާނުން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ. އޭގެ ތެރޭގައި ކައިވެނި ނިމެންދެން ވެސް ކައިވެނި ކުރެވޭ ސަރަހައްދުގައި އެއްވެސް ގޮތަކަށް ފޯނު ނުގެންގުޅެވޭނެ ކަމަށާއި، ކަނޑައަޅާފައިވާ ގަވާއިދުތަކަށް ސަމާލުވުމަށް އެއްބަސްވެ ވަކި ހާއްޞަ އެގްރީމެންޓެއްގައި ވެސް މެހެމާނުން ލައްވައި ސޮއިކުރުވާ ކަމަށްވެ އެވެ.

ނަން ހާމަނުކުރުމަށް އެދި ބައެއް މެހެމާނުން އިންޑިއާގެ ނޫސްތަކަށް މައުލޫމާތުދެމުން ވަނީ މިކަންތައްތަަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެއްވެސް ވަރެއްގެ މިނިވަންކަމެއް ނޯންނަ ކަމަށާއި، މިއީ އިންޓެލިޖެންސުން ސިއްރުކުރާ ވަރުގެ ބޮޑު ކަމެއް ނޫން ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.

އެންމެފަހުގެ ރިޕޯޓުތައް ބުނާގޮތުން މި ދެތަރިން ވަނީ ކައިވެނީގެ ހަފްލާގައި އަންނަ މެހެމާނުންނަށް ސިއްރު ކޯޑެއް ވެސް ދީފަ އެވެ. މެހެމާނުން ކައިވެނީގެ ހަފްލާއަށް ވަދެވޭނީ އެ ކޯޑު ދިނުމަށް ފަހުގަ އެވެ.