މޮރިޝަސް ކޮމާޝަލް ބެންކުން ބޮޑު އަދަދެއްގެ ލޯނެއް ނެގި މުހައްމަދު ބާގިރު އުޅެނީ އިނގިރޭސިވިލާތުގައި ކަމަށް އޭނާގެ ކުރީގެ އަންހެނުން ޒީނިޔާ މުހައްމަދު ޒާހިރު ބުނެފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދެމީހުން ހޯދުމަށް އިއުލާނުކޮށް، އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ، މޮރިޝަސް ކޮމާޝަލް ބޭންކު (އެމްސީބީ) ން 60 މިލިއަން ރުފިޔާގެ ލޯނެއް ނަގައި އެ ލޯނު ނުދެއްކުމުގެ މައްސަލައެއްގަ އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވ. ރާހި، މުހައްމަދު ބާގިރު 50، އާއި ކ. ކާށިދޫ، ހަނދުވަރީގެ، ޒީނިޔާ މުހައްމަދު ޒާހިރު 38އ ފުލުހުންގެ އިދާރާއިން ހޯދަމުން ގެންދަނީ ބަންދުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރު ކުރުމަށެވެ.

މި ދެ މީހުން ހޯދުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައި ވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މައްސަލައާއި ގުޅިގެން ޒީނިޔާ ވަނީ އޭނާ އަށް ކުރާ ތުހުމަތުތަކަށް ސޯޝަލް މީޑިއާގައި ރައްދުދީފަ އެވެ.

މިގޮތުން ލޯނު ނަގައި ކުންފުންޏެއް އުފެއްދުމަށްޓަކައި އެކަކަށް ވުރެ ގިނަ މީހުން ހިއްސާވާން ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ އެކަން ކުރީ އޭރު އޭނާގެ ފިރިމީހާ އެކަމަށް އެދުމުން ކަމަށާއި، ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ޝަރުތަކަށްޓަކައި ކަމަށެވެ. އަދި ކުންފުނީގެ އެއް އިންސައްތަ ހިއްސާ ދިންކަން ފިޔަވައި ކުންފުނީގެ އެއްވެސް ކަމެއް އޭނާ އަށް ނޭނގޭ ކަމަށް ވެސް ޒީނިޔާ ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކުންފުނީގެ 99 އިންސައްތަ ހިއްސާ އޮތީ އޭނާގެ ފިރިމީހާ އަށް ކަމަށާއި، މިކަން ހިނގައި ދިޔަ ގޮތް އިނގޭނީ ބާގިރާއި އޭނާގެ މިހާރުގެ ބިދޭސީ އަންހެނުންނަށް ކަމަށް ޒީނިޔާ ވަނީ ބުނެފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން އެ ދެ މީހުން ހޯދަނީ ސިވިލް ކޯޓުގައި ހުކުމް ތަންފީޒުކުރުމަށް ކޯޓަށް ހާޒިރުވާން އެންގުމުން އެ ދެ މީހުން ހާޒިރު ނުވުމުންނެވެ. އަދި އެކަމާ ގުޅިގެން އެދެ މީހުން ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެކޯޓުން އަމުރުކުރުމާއި ގުޅިގެން ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.