ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާއި އަސާސީ ކަންކަން ފުރިހަމަކޮށްދިނުމުގައި އާބާދީ ކުޑަރަށަކާއި އާބާދީ ބޮޑުރަށެއްގެ މެދުގައި ސަރުކާރުން ތަފާތު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. ފެންފުށީ ކައުންސިލާ މިއަދު ބައްދަލުކުރައްވައި ފެންފުށީގެ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ރަށުގެ ބަނދަރުގެ މަޝްރޫއަށް ގެންނަން ބޭނުންވާ ބަދަލުތަކާގުޅޭ ގޮތުން އަދި ނަރުދަމާ ނިޒާމުގެ މަޝްރޫއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުންނާއި އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫއުތަކާއި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި، ފެންފުށީ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ކުރިޔަށްގެންދާ ބައެއް މަޝްރޫއުތަކާއި ގުޅޭގޮތުންނާއި ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ނަރުދަމާ ނިޒާމުގެ މަޝްރޫއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ނަރުދަމާ ނިޒާމާއެކު ފެނުގެ ނިޒާމު ގާއިމުކުރުމާ ގުޅޭގޮތުންނާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުންނާއި ސްކޫލަށް އިތުރު 8 ކްލާސްރޫމުގެ އިމާރާތެއްގެ މުހިންމުކަމާއި ހެލްތު ސެންޓަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުން ފަދަ ކައުންސިލާ ރައްޔިތުން ބޭނުންވާ މުހިންމުކަންކަން ހިމެނެ އެވެ.

މީގެ އިތުރުން ރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި އައު މިސްކިތަކާއި ކައުންސިލު އިދާރާގެ އައު އިމާރާތެއް އެޅުމުގެ މުހިންމުކަން ކައުންސިލަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.