ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހެނީ ފައިބަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިރޭ ކާނިވަލްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ހެލިކޮޕްޓަރުތައް ފޮނުވާލަން ކުރި މަސައްކަތް ފެންނަން އޮންނާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ގާނޫނާ ހިލާފަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު އިންޑިއާއާ ދެކޮޅަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.

އިންޑިއާ ސަރުކާރަށާއި ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ އަވަށެއް ކަމަށް އިންޑިއާ އިން ހީކޮށްގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ އިންޑިއާގެ ގަވަރުނަރެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރަސްމީކޮށް މި ދަންނަވަނީ، ކުރީގެ ރައީސްކަން ކުރައްވާފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައް ހާސް ރައްޔިތުން ތަމްސީލުކުރައްވާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ ބޫޓު ޖޯޑެއް ވެސް މި ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވޭ،" ވަރަށް ޖޯޝާއެކު ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރަސްމީކޮށް މި ދަންނަވަނީ، ކުރީގެ ރައީސްކަން ކުރައްވާފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައް ހާސް ރައްޔިތުން ތަމްސީލުކުރައްވާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ ބޫޓު ޖޯޑެއް ވެސް މި ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވޭ،
ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ކުރަން ޖެހޭނީ މުސްތަގިއްލު ވެރިކަމެއް ކަމަށާއި އެހެން ނޫންނަމަ ވެރިކަން ދޫކޮށް ފައިބައިގެން ދާންވީ ކަމަށެވެ.

އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖެ އިން ފޮނުވާލަން ވެރިކަމުގައި ހުންނެވިއިރު މަސައްކަތް ކުރެއްވިކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގެ ގޮތުން މިރޭ ކާނިވަލްގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ސަޕޯޓަރުންނަށް އަތްޕުޅުން އިޝާރާތްކުރައްވަނީ. ފޮޓޯ: ޕީޕީއެމް

"ޖެނެރަލް ޝަމާލަކީ އަޅުގަނޑަށް ބޮޑުބޭބެ ކިޔާ ކުއްޖެ. ކޮއްކޮއަކަށް ބޭބެއަކު ދޭ ނަސޭހަތް މިދެނީ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާ ހިލާފަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން މިނިވަން ކަމާއެކު ވެރިކަން ނުކުރެވޭ ނަމަ އަވަހަށް ވެރިކަމުން ފޭބުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް ޔާމީން ވަނީ ގޮވާލާފަ އެވެ.