ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން މިހާރު މިވަނީ އެމަނިކުފާނު މިނިވަން ކޮށްފަ އެވެ. އެމަނިކުފާނު މިނިވަންވުމާއެކު އެއްބަޔަކަށް ބޮޑު އުފާވެރިކަމެއް ލިބުނުއިރު އެކަމާ ހިތްހަމަ ނުޖެހޭ ބަޔަކު ވެސް ތިއްބެވެ.

އެއްބަޔަކު ދުށް ގޮތުގައި ރައީސް ޔާމީނު މިނިވަންވުމުން ދައްކައިދެނީ އެމްޑީޕީ ސަރުކާރުގައި ޝަރުއީ ނިޒާމު މިނިވަންވެފައި އޮތް މިންވަރެވެ. އަނެއްބަޔަކު ދެކޭ ގޮތުގައި އެއީ އެތައް ބަޔަކު ގުޅިގެން ކުރަމުންދިޔަ މަސައްކަތަކާ ދެކޮޅަށް ޔާމީނާއި އެމަނިކުފާނުގެ ލީގަލް ޓީމު ގުޅިގެން ކުރި މަތިވެރި މަސައްކަތެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލައިގައި ހަމަ އެކަނި ޔާމީން ޖަލަށްލުމަކީ އިންސާފެއް ނޫން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ދުވަސް ކޮޅެއް ކުރީން ވިދާޅުވެފަ އެވެ. އެމަނިކުފާނު އެގޮތަށް ވާހަކަފުޅު ދެއްކެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މައްސަލަ ޖެހި އެ މަނިކުފާނާ ދެކޮޅަށް ތެދުވި ދުވަސްވަރުގަ އެވެ. ބަރުލަމާނީގެ ވާހަކަ އެންމެ ގަދަޔަށް ދެއްކެވި ދުވަސް ވަރުގަ އެވެ. އެހެނަސް ޔާމީނު މިނިވަން ވެވަޑައިގެންނެވުމާއެކު ނަޝީދުގެ ބަސަފުޅަކަށް ވީ ޝަރުއީ ނިޒާމު މިނިވަންވެފައިވާ ކަމަށެވެ.

ނަޝީދާއި އެމްޑީޕީގެ ސަޕޯޓަރުން ޝަރުއީ ނިޒާމާމެދު ރަނގަޅު ތަސައްވުރެއް ފެތުރިކަމަށް ވިޔަސް ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އަދިވެސް އެންމެ ބޮޑަށް ކޮރަޕްޓް ވެފައިވާ ދާއިރާއަކީ ޝަރުއީ ދާއިރާ ކަމުގައެވެ. އެމަނިކުފާނުގެ މިނިވަންވެ ވަޑައިގެންނެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޝަރުއީ ނިޒާމު ނުފޫޒުން އެއްކިބާ ވެފައި ނުވާ ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީމާތް ރަސްކަލާނގެ ކަމަކަށް މިންވަރު ކުރެއްވުމުން އެކަމަށް ބާރު ފޯރުވޭނެ އެކަކު ވެސް ނުހުންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޝަރުއީ ނިޒާމު މިނިވަން ނޫން ކަމަށް ވިދާޅުވެގެން އަނެއްކާ ގެން ގޮސް ޖަލަށް ލިޔަސް ފަރުވާލެއް ނެތް ކަމުގަ އެވެ.

ޝަރުއީ ނިޒާމަށް ސަރުކާރާއި މުއްސަނދިންގެ ނުފޫޒު އޮންނަކަމުގެ ވާހަކައަކީ އަބަދު ވެސް ދެކެވޭ ވާހަކައެކެވެ. ރައީސް ޔާމީނުގެ މައްސަލައާ ގުޅިގެން މި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އެޅެނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގަ އެވެ. ޔާމީނު މިނިވަންވުމުން މިހާތަނަށް ވަކި އެއްޗެއް ވިދާޅުނުވާ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީނާ ކުރީ ސަރުކާރުގެ އިސް ވެރިންނާ ދޭތެރޭ ލުއި ގޮތަކަށް ކަންތައް ނުކުރުމަށް އެމަނިކުފާނުގެ ސަޕޯޓަރުން އެދެމުން ދިޔަ އެދުމަށް އާނއެކޭ ވިދާޅުވަމުންނެވެ. އެމަނިކުފާނުގެ ބަސްފުޅުން ނަމަ އެކަންތައް (ޔާމީނާއި ކުރީ ސަރުކާރުގެ އިސް ވެރިންނަށް ފިޔަވަޅު އެޅުން) އެކަން ކުރަން ހަމަޖެހިފައި އޮންނަ އިދާރާތަކުން ކުރާނެ އެވެ. ކަމާ ބެހޭ އިދާރާތައްކަމުގައި އެމަނިކުފާނު އެ ވިދާޅުވެފައި ވަނީ ޕޮލިހާ ޕްރޮސެކިއުޓާ ޖެނެރަލާއި ކޯޓުތަކެވެ.

ތަހުގީގީ އިދާރާތަކާ ޝަރުއީ އިދާރާތަކުގެ މައްޗަށް ޔާމީނަށް ފިޔަވަޅު އެޅުމަށް ދޫކޮށްލައްވާ ކަމަށް ވިދާޅުވުމަށް ފަހު ރައީސް ސޯލިހު އެ އިދާރާތައް ވަނީ އާއިލީ ގޮތުންނާއި ސިޔާސީ ގޮތުން އެމަނިކުފާނަށް އިތުބާރު އޮތް ފަރާތްތަކާ ހަވާލުކުރައްވާފަ އެވެ. އެހެން ކަމުން ރައީސް ޔާމީން ވިދާޅުވިހެން ޝަރުއީ ދާއިރާ ވެސް ތަހުގީގީ އިދާރާތައް ވެސް މިނިވަންވާނެކަމާ މެދު ކުރެވޭނެ އުންމީދެއް ވެސް ނެތެވެ.

ޝަރުއީ ދާއިރާއަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އެއް ހެތްކަކީ ޔާމީނުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި ހުކުމުގައިވާ އިބާރާތްތަކެވެ. ހުކުމުގެ އިބާރާތްތަކަށް ބަލާއިރު ހުކުމް ލިޔުއްވި ފަނޑިޔާރުންގެ އަތް ވަރަށް ބޮޑަށް "ތުރުތުރު" އަޅައިފައި ހުރި ކަމަށް ފެނެ އެވެ. ފަނޑިޔާރުންގެ ހުކުމް ވާން ޖެހޭނީ ހުށަހެޅިފައި ހުންނަ ހެތްކާއި ގަރީނާތަކުގެ މައްޗަށް ބަލައި އިއްވޭ ނިޔާ އަކަށެވެ. އަނެއްކޮޅަށް ހުކުމް ކަނޑަނޭޅުނީތީ ދެރަވެ، އެކުރާ ހުކުމް ކުރެވުނީތީ ލިބިދާނެ ދެރައަކުން ސަލާމަތްވުމަށްޓަކައި މިހުކުމް މިގޮތަށް ކުރެވުނީ މިވެނިކަމެއް މިވެނި ގޮތަކަށް ނުކުރީތީ އެހެން ގޮތެއް ނެތިގެންނޭ ބުނާ ފަދަ އިބާރާތަކުން ހުކުމް ލިޔެފައި އޮތުމުން ކޯޓުތަކަށް އޮތް ނުފޫޒާއި ޖަޖުންގެ ހިތް ފިނިވެފައިވާ މިންވަރު ދޭހަކޮށްދެ އެވެ.

ސަރުކާރުގެ ތަހުގީގީ އިދާރާތަކާއި ކޯޓުތަކަށް ކުރެވޭ ތުހުމަތުތަކަށް ނިސްބަތް ކުރައްވައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ކަމަށްވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވިގޮތުގައި ކުރިޔަށް އޮތްތަނުގައި ސަރުކާރުން ޔާމީނަށް ކިތައްމެ އުނދަގުލެއް ކުރާނެ އެވެ.

އެ މަނިކުފާނު އެ ވިދާޅުވި ބަސްފުޅުގެ ތެދުކަން އެނގިގެން ދަނީ ސުޕްރީމް ކޯޓުގެ ހުކުމް އައުމާ ގުޅިގެން ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓި ހިފެހެއްޓުމެވެ. ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓި އެމަނިކުފާނާ ބެހޭ ގޮތުން ހުށަހެޅިފައި އެތައް މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ މައްޗަށް ބިނާކޮށެވެ. އެހެން ކަމުން ކުރިޔަށް އޮތް ތަނުގައި ޔާމީނާ ދެކޮޅަށް ކޯޓުތަކަށް އެތައް ބައިވަރު މައްސަލަތަކެއް ވައްދާނެ ކަން ޔަގީނެވެ.

ރައީސް ޔާމީނާއި އެ މަނިކުފާނުގެ ލީގަލް ޓީމަށް ކުރިޔަށް އޮތީ ވެސް ބުރަ ދުވަސްތަކެކެވެ. ޑރ. ޖަމީލު ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ގަދަ ހިފުންތަކަށް އެމަނިކުފާނު ހުންނެވީ ތައްޔާރު ވެވަޑައިގެންނެވެ.