އިންޑިޔާ އައުޓް ޕެޓިޝަންއަށް ސޮއި ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަތޮޅު ތެރޭގެ އެކި ރަށްރަށަށް ދަތުރުކުރައްވަން ނިންމަވައިފި އެވެ.

ރާއްޖޭގައި ތިބި ސިފައިން ރާއްޖެއިން ބޭރުކުރުމަށް ބުނެ ގޮވާލަމުން ގެންދާ ޕެޓިޝަން ކަމަށްވާ "އިންޑިއާ އައުޓް" އަށް ސޮއި ހޯދުމަށް ރައީސް ޔާމީން އަތޮޅުތެރެއަށް ވަޑައިގަންނަވާނެ ކަމަށް، ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޕެޓިޝަނަށް ސޮއި ހޯދުމަށް އެމަނިކުފާނު އެކި ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ދަތުރުގައި އިދިކޮޅުގެ އިސް ބޭފުޅުން ވެސް ބައިވެރިވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތޮޅު ތެރޭގެ ރަށްރަށަށް އެބަ ދަން ރައީސް ޔާމީނާ އެކީގައި. ތިޔަ ރައްޔިތުން މިވަގުތުން ފެށިގެން ކުރަންވީ ކަމަކީ އަޅުގަނޑުމެން މި ކޯލިޝަނުން ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައިފައި އޮތް މިނިވަންކަމުގެ ދިފާއުގައި ދިވެހިން މި ޕެޓިޝަނަށް ސޮއި ހޯދުން،" ޝުޖާއު ވިދާޅުވި އެވެ.

ފާއިތުވި ހަފްތާގައި ޕީޕީއެމްއިން ރައީސް ޔާމީން މިނިވަންވުމުގެ އުފަލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ގިނަ އިންޑިޔާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާފަ އެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ބުނެ ކުރިއަށްގެންދާ ހަރަކާތަކީ، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.