ރާއްޖެ އަދި ސްރީލަންކާއަކީ ގާތް އެކުވެރި ދެ ގައުމު ކަމަށް ވިދާޅުވެ، ސްރީލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަ ޕަކްސެ ދިވެހި ބަހުން ޓުވީޓް ކުރައްވައިފި އެވެ.

ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު ރައްޒާގާއެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ދިވެހިބަހުގެ އިތުރުން އިނގިރޭސި ބަހުން ވެސް ނަމާލް ވަނީ ޓުވީޓް ކުރައްވައިފަ އެވެ.

"ސްރިީ ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު @OmarARazak އާ ބައްދަލުކޮށް ދެގައުމުގެ ގުޅުން ކުޅިވަރާއި ޒުވާނުންގެ ރޮނގުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުމަކީ ލިބުނު އުފަލެއް. ރާއްޖެ އަދި ލަންކާއަކީ ގާތް އެކުވެރި ދެގައުމު،" ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކާ ގާތް ގުޅުމެއް ބާއްވަވާ ނަމާލް ވިދާޅުވި އެވެ.

ލަންކާގެ ބޮޑު ވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަގެ ދަރިކަލުން ނަމާލް އަކީ ވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.